ހިޔާ ފްލެޓްގެ ފިނިޝިންގއަށް ދޭން ސަރުކާރުން ވައުދުވި ފައިސާ ދޭނެ ގޮތެއް ބަޖެޓްގައި ހިމަނާފައިވާ ތަން ފެނިވަޑައިނުގަންނަވާ ކަމަށް ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ފާހަގަކުރައްވައިފިއެވެ.

ނިޔާޒު ވިދާޅުވި ގޮތުގައި އިންތިޚާބްގެ ފުރަތަމަ ބުރުގެ ކެމްޕެއިން ބައްދަލުވުމެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު، ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ހިނގި ޚަރަދުގެ ގޮތުގައި 200،000ރ. ދެއްވާނެކަމަށް ވައުދުވެވަޑައިގެންފަވެއެވެ. އެހެން ނަަމަވެސް، އެކަން ކުރަން ރާވާފައިވާ ގޮތަކީ ކޮބައިކަން ހާމަކުރައްވާފައި ނުވާ ކަމަށާއި މިފަހަރުގެ ބަޖެޓްގައި އެކަމަށް ވަކި ވަރެއް ކަނޑައަޅާފައި ނުވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.



މިކަމާއި ގުޅިގެން ނިޔާޒު ވަނީ މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވޮލޮޕްމަންޓް ޑރ ޢަލީ ހައިދަރު އަޙްމަދާއި ސުވާލު ކުރެއްވުމަށް ނޯޓިސްއެއް ފޮނުއްވާފައެވެ. އޭނާ ފޮނުއްވި ނޯޓިސްގައި ވަނީ ފައިސާ ދެއްވަން ކަނޑައަޅުއްވާ މުއްދަތަކީ ކޮބާކަމާއި ދޭތެރޭ ސުވާލު އުފައްދަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާއި އެއްގޮތަށް ހިޔާ ފްލެޓްތަކުގެ ފިނިޝިންނަށް ދިޔަ ހަރަދު ފްލެޓްތަކުގެ ވެރިފަރާތްތަކަށް ލިބޭނެކަަމަށް އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރުކަމާއި އިއްޔެ ހަވާލުވެވަޑައިގަތް އިބްރާހީމް ފަޒުލް ރަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުން އަޅާދިން ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ނުނިންމާ ދިނުމުން އެތަންތަނަށް ބަދަލުވި މީހުންނަށް ވަރަށް ބޮޑެތި ދަތިތަކާ ދިމާވި ކަމަށެވެ. އަދި މުޢިއްޒުގެ ވެރިކަމެއްގައި ފްލެޓްތަކުގެ ވެރިފަރާތްތަކުގެ އަތުން ފިނިޝިން މަސައްކަތަށް ދިޔަ ހަރަދު ފޫބައްދަން ސަރުކާރުން ފްލެޓްގެ ވެރި ފަރާތަށް 2 ލައްކަ ރުފިޔާ ދޭނެ ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން