ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު އިނގިރޭސި ވިލާތުގައި ނުޙައްޤުން ހައްޔަރުކޮށްފައިވާތީ، އޭނާއަށް 20,000 ސްޓާލިންގ ޕައުންޑް ބަދަލެއްގެ ގޮތުގައި ދީފިއެވެ.

ޢަލީ ވަހީދު ވަނީ އޭނާގެ ޤާނޫނީ ވަކީލުންގެ ޓީމުން މިކަމާގުޅޭގޮތުން ނެރުނު ބަޔާނާއެކު އެކަން ޢާންމު ކުރަށްވާފައެވެ.



2021 ވަނަ އަހަރު ޢަލީ ވަހީދު އިނގިރޭސި ވިލާތުގައި ބޭސްފަރުވާ ކުރަމުންދަނިކޮށް، އެ ޤައުމުގެ ފުލުހުން ވަނީ އޭނާ ހައްޔާރުކޮށްފައެވެ. ފުލުހުން އޭނާ ހައްޔަރުކުރީ އިނގިރޭސިވލާތުގެ އިމިގްރޭޝަން ޤާނޫނާއި ޚިލާފުވިކަމަށް ބުނެއެވެ. އެކަމަކު، ޢަލީ ވަހީދުގެ ޤާނޫނީ ޓީމުގެ މަސައްކަތުން އޭނާއާއި އެއްކޮޅަށް ހެކި ދައްކާފައިވުުމުން، ފުލުހުން ވަނީ ވަގުތީ ބަންދެއްގައި ބެހެއްޓުމަށްފަހު އޭނާ ދޫކޮށްލާފައެވެ. އަދި އެ ހައްޔަރަކީ އިނގިރޭސިވިލާތުގެ ޤާނޫނުތަކާއިވެސް ޚިލާފު ހައްޔަރެއް ކަމަށް އެޤައުމުންވެސް އެއްބަސްވެފައިވާ ކަމަށް ޤާނޫނީ ޓީމުން ނެރުނު ބަޔާނުގައި ބުނެފަވެއެވެ. އަދި ޤާނޫނާއި ޚިލާފަށް ބަންދުކުރުމުގެ ސަބަބުން ލިބުނު ގެއްލުމަށް އޭނާ ކިބައިން މަޢާފަށް އެދުމުގެ އިތުރަށް 20،000 ސްޓާލިންގ ޕައުންޑް ދީފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އިނިގިރޭސި ވިލާތުގައި ޢަލީ ވަހީދު ހައްޔަރުކޮށްފައިވަނީ ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އަލީ ވަހީދުގެ މައްޗަށް ރާއްޖޭގައި އުފުލާފައި ވަނިކޮށެވެ. އޭރު ބޭސް ފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށްފަހު ރާއްޖެއިން ބޭރަށް ދިއުމަށް ކޯޓުން ދިން މުއްދަތު ފަހަނައެޅުމުންވެސް އޭނާ ރާއްޖެއަށް އެނބުރި އައިސްފައެއް ނުވެއެވެ. އެ މައްސަލަ ކުރިއަށް ނުގެންދެވި އޮއްވާ ކޯޓުން މައްސަލަ އަނބުރާ ފޮނުވާލާފައި ވަނިކޮށް، އަނިޔާ ލިބުނު ފަރާތުން އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނުމުން މައްސަލަ ކުރިއަށް ނުގެންދަން ދައުލަތުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން