ރާއްޖެއަށް މިހާރުން މިހާރަށްބޭނުންވާ ތަރައްޤީގެ މުހިންމު ޕްރޮގްރާމުތައް ކުރިޔަށްގެންދިއުމަށް މި ސަރުކާރުން އެކުލަވާލާފައިވާ "ހަފުތާ 14" އަށް އޮސްޓްރޭލިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖަސެޕް ތަޢުރީފުކުރައްވައިފިއެވެ.

ޖަސެޕް މިފަދައިން ވިދާޅުވީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި އޮސްޓްރޭލިޔާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަޤާމާ ހަވާލުވެވަޑައިގެންނެވުމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ސަފީރަށް ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގެންކަމީ ޝަރަފެއްކަމުގައި ވިދާޅުވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމާ ގުޅޭގޮތުން ޖޮސެޕްއާއި ނައިބު ރައީސް ޙުސައިން ވާހަކަފުޅު ދެއްކެވިއެވެ.

މީގެ އިތުރަށްވެސް، ނައިބު ރައީސް ޙުސައިންއާއި ޖޮސެޕް ވަނީ، ދެޤައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ދެބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިކަން، ނަފްޞާނީ ދުޅަހެޔޮކަން، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުން، ތަޢުލީމު، ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ދޭދޭ އަދި ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުން، އަދި މޫސުމަށް އަންނަ ބަދަލުތައް ފަދަ މުހިންމު މައްސަލަތައް ހިމެނެއެވެ.

ސަފީރުގެ ވާހަކަފުޅުގައި، އޮސްޓްރޭލިޔާއާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް އެޤައުމުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަން ފާހަގަކުރައްވައި، ދާދިފަހުން ރާއްޖޭގައި އޮސްޓްރޭލިޔާގެ ހައިކޮމިޝަނެއް ޤާއިމުކުރުން އެއީ އޭގެ ހެއްކެއް ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ސަފީރު ވަނީ، ދެޤައުމުން ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށް މަސައްކަތްކުރެއްވުމާއެކު ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އުޞޫލުތަކަށް އިޙްތިރާމުކުރުމާއި، މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރިކޮށް އަދި ޞުލްޙަ މަސަލަސްކަން ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ދެޤައުމުގެ ގާތް ރަޙުމަތްތެރި ގުޅުން އިތުރަށް ބަދަހިކޮށް ދެޤައުމުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. ދިވެހިރާއްޖެއާއި އޮސްޓްރޭލިޔާއިން ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1974 ވަނަ އަހަރުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން