ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ކޭޕާކް ރެސިޑެންސް ޢިމާރާތް ކުރަމުންގެންދާ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫޙު ދިރިއުޅޭ އެޕާޓްމެންޓްގައި ހަތް މިލިއަން ރުފިޔާއަށްވުރެ އަގުހުރި ސާމާނު ހުރި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ފުލުހުން ފާސްކޮށްފައިވާ މަންޑޭ ދިރިއުޅެމުންދާ އެފް.ޑަބްލިއު ރެޒިޑެންސްގެ ޕެންޓްހައުސްއަކީ، ސައްޙަ ނޫން ލިޔުންތައް ހުށަހަޅައިގެން ސޮއި ފޯޖުކޮށް ބޭންކަށް އޮޅުވާލައިގެން ހުޅުވާފައިވާ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް އެކި މީހުން އެޕާޓްމަންޓް ގަތުމަށް ޖަމާކުރި ފައިސާއިން ގަނެފައިވާ ތަނެއްކަން ފައިނޭންޝަލް އެސެސްމަންޓްތަކުން އެނގެއެވެ. އެގޮތުން މި ޕެންޓްހައުސް ގަނެފައިވަނީ 7،862،887.32 ރުފިޔާއަށެވެ. މި ވަގުތު މިތަން ވަނީ ކޯޓު އަމުރެއްގެ ދަށުން 01 އަހަރުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ޕީޖީ އޮފީހުން ހާމަކޮށްފައި ވެއެވެ.

އެ ޕެންޓްހައުސް ބަލައިފާސްކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މުދަލުގެ ތެރެއިން ހަމައެކަނި އަތްދަބަހާއި، ސެންޓު ފުޅިތަކާއި، ބޫޓާއި ފައިވާން، އަދި ގަހަނާތަކުގެ ލަފާކުރެވޭ އަގު 07 (ހަތެއް) މިލިއަން ދިވެހި ރުފިޔާއަށްވުރެ ގިނަކަން ޕީޖީ އޮފީހުން ފާހަގަކުރިއެވެ.

މަމްދޫހު މި ވަރަށް މުދާ ހޯދާފައިވަނީ މަކަރާއި ހީލަތުން ހަންބޯ ކުންފުނީގެ މެޖޯރިޓީ ހިއްސާދާރުގެ ސޮއި ފޯޖުކޮށްގެން ލިޔެކިޔުންތަކެއް އުފައްދައިގެން ބޭންކް އޮފް މޯލްޑިވްސްގައި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އެކައުންޓްއެއް ހުޅުވައިގެންނެވެ. ކޭޕާކް މަސައްކަތުގެ ރާއްޖޭގެ އެޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫއެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޭ-ޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި އިމާރާތްކުރަމުންދާ އިމާރާތުގެ އެޕާރޓްމަންޓްތަކެއް އޮޅުވާލާއިގެން ޢާއްމު ފަރާތްތަކަށް ވިއްކާ، ބައެއް މީހުންގެ އަތުން ނަގުދު ފައިސާއާއި، އަގު ބޮޑެތި މުދަލާއި އަދި އޮޅުވާލައިގެން ހުޅުވި އެކައުންޓަށް ގިނަ ޢަދަދެއްގެ މީހުންގެ ފައިސާ ޖަމާކުރުވާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައި ވެއެވެ. އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް، އެކައުންޓުގެ ފުރިހަމަ ކޮންޓްރޯލް ޙަސަން މަމްދޫޙުއަށް އެކަނި އޮންނަ ގޮތަށް ހަމަޖައްސާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށްވެސް ޕީޖީ ހާމަކުރަށްވާފައި ވެއެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި މަންޑޭ ވަނީ ޖުމްލަ 41 އެޕާޓްމަންޓް ޖުމްލަ 107 މީހަކަށް ވިއްކާފައެވެ. ކުންފުނީގެ ފައިސާއަށް ޚިޔާނާތްތެރިވި، ފޯޖުކޮށްގެން ހުޅުވި އެކައުންޓް ބޭނުންކޮށްގެން މަނީ ލޯންޑަރކޮށްފައިވާ ކަަމަށްވެސް ތަހުގީގުން ހޯދިފައި ވެއެވެ.

ކޭ-ޕާކް ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ. މަންޑޭ ވަނީ ބައެއް އެޕާރޓްމަންޓްތައް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައިފައެވެ.

އެހެންކަމުން، ފުލުހުންގެ ތަޙްޤީޤުން މިހާތަނަށް ހޯދާފައިވާ ކަންކަމަށް ބަލައި، އެއް އެޕާޓްމަންޓެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކާފައިވާ ބައިގައި ދަޢުވާކުރުމަށް މިހާރު ނިންމާފައިވެއެވެ. މީގެ ތެރެއިން ބައެއް އެޕާޓްމަންޓް 06 މީހުން، އަދި 07 މީހުންނަށް ވިއްކާފައިވާކަންވެސް ޕީޖީ އޮފީހުން ފާހަގަކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން