ރާއްޖެއާއެކު ސިޔާސީގޮތުން އޮތް ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާކަމަށް ޗައިނާގެ ހާރިޖީ ވަޒީރު ވަންގ ޔީ ވިދާޅުވެއްޖެއެވެ.

ޗައިނާގެ އެންމެ އިސް އޮފިޝަލުންގެ ތެރޭގައި ހިމެނޭ ވަންގ ޔީ މިހެން ވިދާޅުވީ ރާއްޖޭގެ ހާރިޖީ ވަޒީރުގެ މަގާމާއި މޫސާ ޒަމީރު ހަވާލުވެވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

ޗައިނާގެ ހާރިޖީ ވަޒީރު ފޮނުއްވި މެސެޖުގައި ވިދާޅުވީ ޗައިނާއާއި ރާއްޖެއަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ގައުމުކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރެވުނު ފަހުން ދެ ގައުމުން ވެސް އެއް ގައުމުން އަނެއް ގައުމަށް އިހްތިރާމްކުރަމުންދާކަންވެސް ޗައިނާގެ ހާރިޖީ ވަޒީރު ފާހަގަ ކުރެއްވިއެވެ.



ޗައިނާގެ ހާރިޖީ ވަޒީރު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ ތެރެއިން އެއް ބަޔަކު އަނެއް ބަޔަކަށް އެކި އެކި ދާއިރާތަކާއި މައްސަލަތަކުގައި އަބަދުވެސް އެއްބާރުލުން ދެއްވަމުންދާކަމަށެވެ.

ރާއްޖޭގެ ހާރިޖީ ވަޒީރަށް ފޮނުއްވި މެސެޖުގައި ވަންގ ޔީ ވިދާޅުވީ ކުރިއަށް އޮތްތާނގައިވެސް ރާއްޖެއާއެކު ގާތް ގުޅުމެއް ބާއްވައި، ދެ ގައުމުގެ ސަރުކާރުން އެއްބަސްވެފައިވާ ކަންކަން ތަންފީޒުކުރުމަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

ޗައިނާގެ ހާރިޖީ ވަޒީރުގެ މެސެޖުގައި ކުރިއަށް އޮތްތަނުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކޮށް، ދެ ގައުމުގެ ފަރުދުންގެ މެދުގައި އޮންނަ ގުޅުންވެސް ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން