ސަރުކާރުގެ ސިޔާސަތަކަށް ވާނީ ދިވެހިންނަށް އިސްކަންދީ، ދިވެހިންގެ މަސްލަހަތު އިސްކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޔުނައިޓެޑް ޢެރެބް އެމިރޭޓްސްގެ ދުބާއީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޔޫ.އޭ.އީ އަށް ކުރައްވާ މި ދަތުރުފުޅަކީ މާދަމާ ފެށުމަށް ހަމަޖެހިފައިވާ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެެވެ.

ދުބާއީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރާނީ ރައްޔިތުންނާ އެކީގައި، ރައްޔިތުންގެ އަޑުއަހައިގެންކަމަށެވެ. އަދި ކަންކަން ބައްޓަންކޮށް، ނިންމުންތައް ނިންމާނީ ރައްޔިތުންގެ މައްސަލަތަކަށް ޙައްލު ލިބިގެންދާނެފަދަ ގޮތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކޮންމެ ޤައުމެއްގައި ތިބި ދިވެހިންނަށްވެސް، ދިވެހި ސަރުކާރުގެ ފަރާތުން މިހާރަށްވުރެ ރަނގަޅަށް ކަންކަން ކޮށްދިނުމުގެ ސިޔާސަތު މި ސަރުކާރުން ގެންގުޅުއްވާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ހަމަ އެއާއެކު މި ސަރުކާރުން ޤައުމަކަށް އާ ސަފީރެއް ހަމަޖައްސާއިރު ކުރިއަށްވުރެ ރަނގަޅަށް ކަންކަން ކޮށްދޭނެ މީހެއް ހަމަޖައްސާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކޮޕް28 ބައްދަލުވުމަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރަށް އެހީތެރިކަން ހޯދުމަށް ކޮޕް28 ބައްދަލުވުމަށްފަހު ވަކާލާތު ކުރައްވާނެކަމަށެވެ.

މިރޭގެ ބައްދަލުވުމުގައި ރައީސް ވަނީ ދުބާއީގައި ދިރިއުޅޭ ދިވެހިންނަށް ދަތިވާ ކަންކަމާއި ބޭނުންވާ ކަންކަން ޙިއްޞާކުރުމަށް ފުރުޞަތު ހުޅުވައިލައްވާފައެވެ. އަދި އެކަންކަން ޙައްލުކޮށްދެއްވުމަށް މި ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން