މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކުން އަރައިގަތުމަށް އެހީ ދޭ "ލޮސް އެންޑް ޑެމޭޖް ފަންޑް" އޮޕަރޭޝަނަަށް ގެނަައުމަށް ނިންމި ނިންމުމަކީ ޙާލަތު ބަދަލުކުރުމަށް ޓަކައި އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޠާރިގު އިބްރާހިމް ވިދާޅުވެއްޖެއެެވެ.

ކޮޕް28 ސަމިޓުގެ ފުރަތަމަ ބައްދަލުވުމުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކުން އަރައިގަތުމަށް އެހީ ދޭ "ލޮސް އެންޑް ޑެމޭޖް ފަންޑް" އޮޕަރޭޝަނަަށް ގެންނަން ނިންމައި، އޭގެން އެންމެ ބޭނުންޖެހިފައިވާ ގައުމުތަކަށް ފައިސާގެ އެހީ ދޭން އިއްޔެ ވަނީ ފާސްކޮށްފައެެވެ. އެކަމާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓަރު ޠާރިގު އިބްރާހިމް ކުރެއްވި އެކްސްގައި ވިދާޅުވީ ކޮޕް28 ސަމިޓުގެ އެންމެ ފުރަތަމަ ދުވަހު އެ ނިންމުން ނިންމުމުން ހާމަވަނީ މުޅި ބައިނަލްއަގްވާމީ ދުނިޔެއިން މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ދޭ އަހަންމިއްޔަތުކަން ކަމަަށެވެ.

އަދި މިއީ ރާއްޖެފަދަ މޫސުމީ ކާރިސާތަކާ ކުރިމަތިލާން ޖެހުމުގެ ހިރާސް އޮތް އެހެން ގައުމުތަކަށް ވެސް ޙާލަތު ބަދަލުކުރުމަށް ޓަކައި އެޅުނު މުހިންމު ފިޔަވަޅެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ތޯރިގް ވަނީ މިއީ ތާރިހީ ކާމިޔާބީއެއް ކަމަށް ސިފަކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރާއި ރާއްޖެއަށް ވެސް ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އެގޮތުން ރާއްޖެ ކަހަލަ ކުދި ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އެގައުމުތައް ރައްކާތެރިކޮށް އެކަމުން އަރައިގަނެ އެކަން ހައްލުކުރަން ބޭނުންވާ ކަަމަށް މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.

"މިއަދު އެތައް ޤައުމަކުން ވެފައިވާ ވަޢުދުތަކަށް އިޢުތިރާފުވެ، ތަރައްޤީވެފައިވާ ޤައުމުތަކަށް ގޮވާލަނީ، ފަންޑު ސްކޭލްގައި ޤާއިމުކުރުމަށް ބޭނުންވާ ފައިސާ ޖަމާކުރުމަށެވެ. މިއީ ވެސް ދިހަވަރަކަށް އަހަރު ވަންދެން އިގްތިސާދީ އަދި އިގްތިސާދީ ނޫން ގެއްލުންތަކެއް ތަހައްމަލުކޮށްފައިވާ ކުދި އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްތަކަށް ވެސް މުހިންމު ވަގުތެކެވެ.،" ތޯރިގް ވިދާޅުވިއެވެ.

ކޮޕް28 ސަމިޓްގައި ދުނިޔޭގެ 160 ގައުމެއްގެ ވެރިން ބައިވެރިވެވަޑައިގަންނަވާއިރު، މި ބައްދަލުމުގައި ރާއްޖެ ތަމްސީލްކޮށް ތަޤުރީރު ކުރައްވާ ގޮތަށް ހަމަޖެހިފައިވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން