ޕީޕަލްސް ނެޝަނަލް ފްރާންޓް، ޕީއެންއެފް އުފައްދަން މަޖުބޫރުވީ ޕީޕީއެމް ފައްތާލަން ބަޔަކު މަސައްކަތް ފެށުމުންކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޕީއެންއެފްއަކީ ކުރީގެ ރައީސް އަބްދު ﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަން މަސައްކަތްކުރާ ޕާޓީއެކެވެ.

"ރަސް" އޮންލައިންއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޕާޓީ އުފެއްދުމުގެ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވާ ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ޕީއެންއެފް ވެގެންދާނީ ޕީޕީއެމް ފިކުރުގެ ބޭފުޅުންގެ ޕާޓީއަކަށްކަމަށެވެ.

ޖަމީލު ވިދާޅުވީ ރައީސް ޔާމީން ޖަލުން ވަޑައިގެންނެވިއިރު އެމަނިކުފާނުގެ ޕާޓީއެއް ނެތްކަމަށާއި ބަޔަކު ޕާޓީގެ ކޮންޓްރޯލް ނަގާފައިވާކަމަށެވެ. އެހެންކަމުން ރައީސް ޔާމިންގެ ސަޕޯޓަރުންނާއި އެމަނިކުފާނުގެ ފިކުރަށް ތާއީދު ކުރައްވާ ބޭފުޅުންނަށް ޕްލެޓްފޯމެއް ހޯދަންޖެހޭކަމަށާއި، ޕީއެންއެފްއަކީ އެކަމަށް އުފައްދާ ޕާޓީއެއްކަމަށް ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ ޕީއެންއެފް އުފައްދަން މަޖުބޫރު ވެގެންދިޔައީ ރައީސް ޔާމީންގެ ފިކުރުގެ މައްޗަށް ބިނާވެފައި އޮތް ޕީޕީއެމް ފައްތާލަން ބަޔަކު މަސައްކަތް ފެށުމުންކަމަށެވެ.

"އަބްދުއްރަހީމްގެ ވާހަކައިން ވަރަށް ބޮޑަށް ސާފުވެގެން ދޭ ޕީޕީއެމް ފައްތާލަންކަން މިއޮތީ ރާވާފައި. އެކަން އެނގިގެންދަނީ މަޖިލިސް އިންތިހާބަށް ޕީއެންސީން ނޫނީ މީހަކު ނެރެގެން ނުވާނެކަމަށް ނިންމުމުން. އެންމެންނަށްވެސް އެނގޭ އިންތިހާބުގައި ވާދަނުކުރާ ސިޔާސީ ޕާޓީއެއް ވުޖޫދުގައެއް ނޯންނާނެ. އެހެންވީމަ ސާފުކޮށް އެބަ އެނގޭ މިއޮތީ ޕީޕީއެމް ފައްތާލަން ރާވާފައިކަން." ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ ޕީޕީއެމްގެ ފިކުރުގެ ބޭފުޅުންގެ ފިކުރުގެ ޕާޓީއަކަށް ޕީއެންއެފް ވެގެންދާއިރު، ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް އެ ޕާޓީއާ ގުޅޭނެކަމަށެވެ. އަދި މިހާރުވެސް ޕާޓީއަށް އޮތް ތާއީދު ވަރަށް ބޮޑަށް ފެންނަމުންދާކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އާއްމު ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން އެބަދޭ މިކަންކަން ހިނގައި ދިޔަގޮތުން. ގިނަ މީހުން ބުނަނީ މިއީ އިންސާނުން ކަންކަން ކުރާ ގޮތަށް ކަން ކުރާ ބައެއް ނޫނޭ." ޑރ. ޖަމީލު ވިދާޅުވިއެވެ.

ރައީސް ޔާމީން އުފައްދަން މަސައްކަތްކުރާ ޕީއެންއެފް އުފެދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ދީފައެވެ. އަދި އެ ޕާޓީއަށް މެމްބަރުން ވެއްދުމުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ދަނީ ކުރިއަށެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި ރައީސް ޔާމިންގެ ފޮޓޯއާއި ނަންފުޅު ބޭނުންކޮށްގެން ވެރިކަން ހޯދުމަށްފަހު، މިހާރުގެ ސަރުކާރުގައި އިސްކޮށް ތިއްބެވި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ރައީސް ޔާމީނާއި މެދު އަމަލު ކުރައްވަނީ އެމީހުން ގަބޫލުކުރާ އުސޫލަކުން ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން