ސްޓެލްކޯ މިވަގުތު އޮތީ ސިޔާސީ ޖަގަހައަކަށް ބަދަލުވެފައި ކަމަށް ސްޓެލްކޯގެ އައު އެމްޑީ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ ޖެނެރަލް މެނޭޖަރގެ މަޤާމާއި ކުންފުނީގެ ބޯޑުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި ފަހުމީ ވަނީ ސްޓެލްކޯއަށް 25 އަހަރަށް ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައެވެ. "ދިޔަރެސް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ ފާއިތުވީ އަހަރުތަކުގައި ސްޓެލްކޯ އޮތީ ސިޔާސީ ޖަގަހައެއްގެ ގޮތުގައި ކަމަށެވެ.

އެހެން ނަމަވެސް، މި ސަރުކާރުގައި ސްޓެލްކޯ ހިންގާނީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނެއްގެ ގޮތުގައި ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ކުންފުނީގެ މުވައްޒަފުންވެސް ސްޓެލްކޯއަކީ ސިޔާސީ ތަނެއްގެ ގޮތުގައި އޮންނަން ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ މީގެ ކުރީގައި ސްޓެލްކޯއަށް ލިބިފައިވާ ރީތި ނަން ދަމަހައްޓަން ބޭނުންވާ ކަމަށެވެ. އަދި ކުންފުނީގެ ޓެކްނިކަލް މަސައްކަތްތަކުން ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަކީ އޭނާގެ އެއް އަމާޒު ކަމަށް ފަހުމީ ވިދާޅުވިއެވެ.

އަދި ހަމައެއާއެކު، ކުންފުނީގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިނގާފައިވާނަމަ، އެކަމެއް އިންސާފުގެ ކުރިމައްޗަށް ގެނެސްދެއްވާނެ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ. މީގެ އިތުރަށްވެސް، މިއީ ވޭތުވެދިޔަ 20 އަހަރު ތެރޭގައި ސްޓެލްކޯގެ މާލީ ޙާލަތު އެންމެ ދަށްވި ދުވަސްވަރު ކަންވެސް ފާހަގަކުރެއްވިއެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާއާއި ކުންފުނިން ދައްކަންޖެހޭ ދަރަނިތައް އެބަހުރި ކަމަށެވެ. އެކަމަކު، ކުންފުންޏަށް ކެޕިޓަލް އިންވެސްޓްމަންޓެއް ކުރެވިފައި ނުވާ ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ކުންފުނީގެ ބަޖެޓް ވަނީ ރިކަރަންޓް ޚަރަދަށް ގޮސް ހުސްވެފައި ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

ކުންފުނީގެ މުވައްޒަފުންގެ އަދަދު މާބޮޑަށްވެސް އިތުރުވެފައިވާކަން ފާހަގަކުރައްވަމުން ފަހުމީ ވިދާޅުވީ ޒުވާނުންނާއި ކަނބަލުން ވަޒީފާއިން ވަކިކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، ކުންފުނި ރީސްޓްރަކްޗަރ ކުރާއިރު، ޒުވާނުން ވަކިނުކޮށް އެމަސައްކަތް ކުރެއްވުމަށް އިސްކަން ދެއްވާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން