ސައިނަސައިޓިސް
ސައިނަސައިޓިސް
ސައިނަސްތައް އިންފްލޭމްވުމަކީ ވަރަށް މީހާއަށް އުނދަގޫވާކަމެކެވެ. ނޭފަތް ބެދި ފަނޑުވުމެއް ނުވާ ބޮލުރިހުމެއްގެ ގޮތުގައި ފާހަގަކުރެވޭ ސައިނަސައިޓިސް އާންމުކޮށް އަންނަނީ ރޯގާއަކާއި އެކުގައެވެ. އަދި ހަފްތާއެއްހާ ދުވަހު އޭގެ އުނދަގޫ ހަށިގަނޑުގައި ހުރެދެއެވެ.

މާބޮޑު ކަމެއް ނުކުރިޔަސް ކޮންމެވެސް އިރަކު ރަނގަޅުވެދާ ސައިނަސައިޓިސްއަކީ ސީރިއަސްކަމެއްގެ ގޮތުގައި ބެލެވޭ ބަލިމަޑުކަމެއް ނޫނެވެ. އެހެންނަމަވެސް އޭގެ އަލާމާތްތަކުން މިންޖުވުމަށް ލަސްނުކޮށް އަވަހަށް ފަރުވާހޯދުމަކީ ދިރިއުޅުން ފަސޭހަވެގެންދާނެ ކަމެކެވެ.

ސައިނަސް އިންފެކްޝަނަށް ފަރުވާ ހޯދުމަށް ފަތްޕިލާވެލިން ސައި ތައްޔާރުކޮށްގެން ބޭނުންކުރެވިދާނެއެވެ. މިގޮތުން ސައިނަސައިޓިސް އަށް ބޭނުންކުރަން އެންމެ ރަނގަޅު ހަރބަލް ޓީގެ ތެރޭގައި ހިމެނެނީ ޔޫކަލިޕްޓަސް ސަޔާއި، އިނގުރު ސަޔާއި، ޕެޕަރމިންޓް ސަޔާއި، ތައިމް ސަޔާއި، ކެމޮމައިލް ސައެވެ.

1. ޔޫކަލިޕްޓަސް

ތާޒާ ޔޫކަލިޕްޓަސް ފަތުގެ ސަޔަކީ ސައިނަސް އިންފެކްޝަންތަކާއި، ނޭފަތް ބެދުން ފަދަ އެހެނިހެން މައްސަލަތަކަށް އެންމެ މޮޅު އެއް ފަތްޕިލާވެލީގެ ސައެވެ. ޔޫކަލިޕްޓަސްގައި އެކުލެވޭ ސިނިއޯލް އަކީ، ސައިނަސް ސާފުކޮށްދީ، ރޯގާ ހުންނަ މިންވަރު މަދުކުރާ މާއްދާއެވެ. ހަމައެއާއިއެކު، ސައިނަސައިޓިސް އާއެކު އަންނަ ބޮލު ރިހުމަށްވެސް މީގެއިން ރާހަތު ލިބެއެވެ.

2. އިނގުރު:

އިނގުރަކީ ފިނި މޫސުމާއި ރޯގާ މޫސުމުގައި ޖެހޭ ރޯގާތަކަށް ފަރުވާކުރުމަށް އާންމުކޮށް ބޭނުން ކޮށްއުޅޭ އެއްޗެއްކެވެ. ކަރުގައި ރިހުން ފިލުވައިދީ، ދިފާޢީ ނިޒާމު ވަރުގަދަކޮށްދޭ ކާނާއެކެވެ. އަދި އިނގުރުގައި އެކުލެވޭ އެންޓި-އިންފްލެމޭޓަރީ މާއްދާތަކުގެ ސަބަބުން ސައިނަސައިޓިސްގެ ސަބަބުން ވެފައި ހުންނަ ދުޅައާއި ނޯށަށް ކޮށްފައި ހުންނަ ބާރަށް ލުއި ލިބެއެވެ.

3. ޕެޕަރމިންޓް:

ފިނިފިނި ޕެޕަރމިންޓަކީ ސައިނަސް އިންފެކްޝަނަށް ބޭނުންކުރާ މޮޅު ފަތެކެވެ. އޭގައި އެކުލެވޭ މެންތޯލްއަކީ ރޯގާ ފިލުވުމަށްދޭ ބޭސްތަކުގައި ބޭނުންކޮށްފައި ހުންނަ މާއްދާއަކަށްވާއިރު، ޕެޕަރމިންޓް ބޭނުންކުރުމުން ސައިނަސް ސާފުވެ ހުޅުވިފައި ހުންނަ ކަމުގެ އިހުސާސް ކުރުވައެވެ. މީގެއިތުރުން، ޕެޕަރމިންޓަކީ އެނޓި-މައިކްރޯބިއަލް ސިފަތަކެއް އެކުލެވޭ ފަތްޕިލާވެލީގެ ވައްތަރެކެވެ. އޭގެ ސަބަބުން، ސައިނަސައިޓިސް ޖައްސާ ޖަރާސީމުތައް ނައްތާލުމަށް ޕެޕަރމިންޓުން އެހީތެރިވެދެއެވެ.

4. ތައިމް:

ތައިމް ބޭނުންކުރުމަށް އާންމުގޮތެއްގައި ލަފާދެނީ ކެއްސުމާއި، ކަރުގައި ރިއްސުމުގެ އަލާމާތްތައް ހުންނަ ފަރާތްތަކަށެވެ. ނަމަވެސް، ބެދިފައި ހުންނަ ސައިނަސްތައް ހުޅުވުމަށްވެސް ތައިމްއަކީ މޮޅު ފަރުވާއެކެވެ.

އެކްސްޕެކްޓޯރެންޓެއްގެ ހައިސިއްޔަތުން، ތައިމް ބޭނުންކުރުމުން މޭގައި ހަރުލާފައި ހުންނަ ހިލޭސް ނައްޓައި ހަށިގަނޑުން ބޭރުކޮށްދެއެވެ. އަދި އޭގެ ސަބަބުން ދުޅަވެފައި ހުންނަ ސައިނަސްތަކަށް ކުރާ ބާރު ކުޑަކޮށްދެއެވެ.

މީގެއިތުރުން، ތައިމްގައި ހުންނަ އެންޓި-މައިކްރޯބިއަލް އަދި އެންޓި-ފަންގަލް މާއްދާތަކަކީ އިންފްލެމޭޝަން ކުޑަކޮށްދީ ސައިނަސްއަށްވާ އުނދަގޫތަށް ލުއިކޮށްދޭ އެއްޗެއްކަން ފާހަގަކުރެވެއެވެ.

5. ކެމޮމައިލް

ކެމޮމައިލްއަކީ ތަފާތު ގިނަ ކަންކަމަށް ބޭނުންކުރާ ފަތްޕިލާވެލީގެ ބާވަތެކެވެ. އެގޮތުން، ސައިނަސައިޓިސްގެ ސަބަބުން ނިންޖަށް އަސަރުކުރާނަމަ ކެމޮމައިލް ސަޔަކީ އަދި ވަކިން މޮޅު ސައެކެވެ.

ދިރާސާތަކުން ދައްކާފައިވާގޮތުގައި ކެމޮމައިލް ސައިބުއިމަކީ ދިގުމުއްދަތަށް ސައިނަސް އިންފެކްޝަން ދިގުލައިގެންދާ މީހުންނާއި ތަކުރާރުކޮށް ސައިނަސް އިންފެކްޝަންޖެހޭ މީހުން ބޭނުންކުރަން ވަރަށް މޮޅު އެއްޗެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން