---ފޮޓޯ: އޫމާ
---ފޮޓޯ: އޫމާ
އަހަރެމެން އެންމެންވެސް މިއަދު މިއުޅެނީ މުޅި ދުނިޔެ އަތްމުށުތެރެއަށް ލައިގެންނެވެ. ވާހަކަދައްކައި ނުލެވޭ މީހެއް ނެތެވެ. އެންމެންނާވެސް ވާހަކަ ދައްކާލެވެއެވެ. ހަމައެއާއެކު ނުދަންނަ މީހުންނާވެސްއެވެ. ނުވަދެވޭ ފިހާރައެއް ނެތެވެ. ދުވަހަކު ބަންދެއްނުވާނެއެވެ. ދުވާލާއި ރޭގަނޑުގެ އެތައް ވަގުތެއް ހޭދަވެގެންދަނީ ފޯނުގެތެރޭގައެވެ. މުހިންމު އެހެން އެތައް ކަމެއް ކުރުމަށް ހޭދަކުރެވެން އޮތް ވަގުތު ގެއްލިގެން ދަނީ ފޯނުގެ ސްކްރީނަށް ބެލުމުގައެވެ.

ސްކްރީންޓައިމް ނުވަތަ ފޯނުގެ ސްކްރީނަށް ބަލަން ތިބޭ ވަގުތު ޓްރެކްކުރާ އެޕެއްކަމަށްވާ، މޯމެންޓްސް އިން ރިކޯޑުކޮށްފައިވާގޮތުގައި، އެޕް ބޭނުންކުރާ މީހުން އެވްރެޖުގޮތެއްގައި ދުވާލަކު 52 ފަހަރު ފޯނު އުފުލާ ސްކްރީނަށް ބަލައެވެ. އަދި ފޯނު ބޭނުންކުރުމުގައި ދުވާލަކު 3 ގަޑިއިރާއި 57 މިނެޓު ހޭދަކުރެއެވެ. މިއީ އަދި ހަމައެކަނި ސްކްރީންޓައިމް ޓްރެކް ކުރާ މީހުންގެ ތަފާސް ހިސާބުތަކެވެ.

އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ތިބީ ފޯނަށް ދެވި ހިފާފައިކަމީ ދެބަސްވެވެންނެއް ހަގީގަތެކެވެ. އަދި ޖުވާކުޅުން ފަދައިން އިރުއިރުކޮޅާ ފޯނުގެ ސްކްރީނަށް ބެލުމަކީ "ބިހޭވިއަރަލް އެޑިކްޝަން" އެއްކަމަށް ގިނަ ޢިލްމުވެރިން އެއްބަސްވެއެވެ. އެހެންކަމުން، ސްމާޓްފޯނުގެ ވަބާއިން ސަލާމަތްވުމުން ގުޅުންތަކާއި، ނިންޖާއި، ހަށީގެ ދުޅަހެޔޮކަމާއި، ނަފްސާނީ ދުޅަހެޔޮކަމަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އެފަރާތްތަކުން ބުނެއެވެ.

ކަންމިހެން އޮތް ނަމަވެސް، ފޯނު ނަގައި މޫދަށް އެއްލާލެވޭކަށެއްވެސް ނެތެވެ. ދިރިއުޅުމުގެ ކަންކަން އެތުރިފައި އޮންނަ ގޮތުން، ޓެކްނޮލޮޖީއާއި ނުލައިވެސް އުޅެވޭކަށް ނެތެވެ. އެހެންނަމަވެސް، ފޯނު ބޭނުންކުރާ ވަގުތު މަދުކުރެވިދާނެއެވެ. މިގޮތުން ފޯނުން ބޭނުންކުރުން މަދުކުރުމަށް ކުތެވިދާނެ ކަންތައްތަކެއް ހިމަނާލަމެވެ.

1. އަތްނުޖެހޭ ހިސާބުދުރުގައި ފޯނު ބޭއްވުން:

ބޭލަރ ޔުނިވާސިޓީގެ މާކެޓިން ޕްރޮފެސަރއެއް ކަމަށްވާ ޖޭމްސް ރޮބާޓްސް ބުނަނީ ތިބާގެ ފޯނު އަތުނުޖެހޭ ހިސާބެއްގައި ބޭއްވުމަށެވެ. އަދި ލޮލަށްވެސް ނުފެންނަ ތަނެއްގައި ބޭއްވުމަށެވެ. އެއީ ފޯނު ބޭނުންނުކުރިނަމަވެސް، ފޯނު ފެންނަން އޮންނަނަމަ އަހަރެމެންގެ ސަމާލުކަން ދަމައިގަންނާނެތީއެވެ.

މީގެއިތުރުން، ނިންޖާއި، ބައިވެރިޔާއާއިއެކު އޮން ގުޅުން ރަނގަޅުކުރުމަށްޓަކައި ނިދާ ކޮޓަރިން ބޭރުގައި ފޯނު ޗާޖުކުރަން ބޭއްވުމަކީ ކުރެވިދާނެ ކަމެކެވެ. އޭރުން ރޭގަނޑު އެންމެ ފަހުން އަދި ހެނދުނު އެންމެ ކުރިން އަތްލާ އެއްޗަކީ ފޯނުކަމުގައި ނުވާނެއެވެ.

2. ޓެކްނޮލޮޖީގެ މައްސަލަ ޓެކްނޮލޮޖީއިން ހައްލުކުރުން:

ފޯނުގައި ބޭނުންކުރުމަށް ހުންނަ އެޕްތައް ބޭނުންކޮށްގެން ފޯނުގެ ސަބަބުން އުފެދޭ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރެވިދާނެއެވެ. އެގޮތުން، ސްކްރީންޓައިމް ބެލުމަށް "މޮމެންޓް" އާއި "ރެސްކިއުޓައިމް"، އެޕްތައް ބްލޮކްކުރުމަށް "ފްރީޑަމް" އަދި މީސްމީޑިއާ ޕޯސްޓުތައް ތާވަލުކުރުމަށް "ހޫޓްސުއީޓް" ފަދަ އެޕްލިކޭޝަންތައް ބޭނުންކުރެވިދާނެއެވެ.

މީގެއިތުރުން، މިހާރު އައިފޯނުގައި އޮންނަ "ފޯކަސް" ފީޗަރ އިންވެސް ފޯނު ބޭނުންކުރާގޮތް މެނޭޖްކުރެވެއެވެ.

3. ޑިޖިޓަލް ޑީޓޮކްސްއެއް ކުރުން:

24 ގަޑިއިރު ވާންދެން ފޯނު ބޭނުންނުކޮށް ހުންނާށެވެ. ނެތްގުނަވަނަކާއި ދިމާލަށް އަތްދާ އުސޫލުން ފޯނަށް އަތްދާނެއެވެ. އޭގެއަށް ކިޔައިއުޅެނީ "ވިދްރޯވަލް" އެވެ. ގިނަގިނައިން މިގޮތަށް ހަދަން ފެށުމުން ފޯނުނުލައި އުޅުން ދާނީ ފަސޭހަވަމުންނެވެ.

4. ބަދަލުގައި ކުރާނެ އެހެން ކަމެއް ހޯދުން:

ފޯނުގައި ހޭދަކުރާ ވަގުތުގައި ކުރަން އެހެން މަސައްކަތެއް ހޯދާށެވެ. ފޮތެއް ކިޔާށެވެ. ނޫނީ ކުޅިވަރެއް ކުޅޭށެވެ. ރަހުމަތްތެރިންނާއި އެކުގައި އާދައިގެމަތިން ބައްދަލުކޮށް މަސައްކަތެއްކުރާށެވެ. ނުވަތަ މަޝްވަރާތައް ކުރާށެވެ. ފޯނު ނޫން އެހެން ދިމާލަކަށް ލޯ ހުޅުވައި މޫނު އަނބުރާށެވެ.

5. މަޑުމަޑުން އަނެއްކާވެސް ފޯނާއި ގުޅުން ބަދަހިކުރުން:

އަބަދު ފޯނަށް ބެލުން ހުއްޓާލުމަށްޓަކައި އަނެއްކާވެސް ފޯނު ބަދަލުވާން ޖެހޭނީ އެދުމަކުން ވަސީލަތަކަށެވެ. ވަސީލަތެކޭ މިބުނާ ބަހުގެ މާނައަކީ ތަނަކަށް ދިޔުމަށް މެޕު ބަލާލުމަށް ފޯނު ބޭނުންކުރުމާއި، ފޮޓޮއެއް ނަގާލުމަށް ފޯނު ބޭނުންކުރުމެވެ.

ފޮޓޯ ނެގުމަށްފަހު އެފޮޓޯ މީސްމީޑިއާގައި ޝާއިއުކޮށް އެއަށް ލިބޭ ކޮމެންޓުތައް އެއްކުރުމަށް ޝައުގު އުފެދޭ ހިސާބުން އެފޯނު ބަދަލުވެގެން އެދަނީ އެދުމަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން