---ފޮޓޯ: ވޭންކޫވަރ ކޯސްޓަލް ހެލްތް ރީސާޗް އިންސްޓިޓިއުޓް
---ފޮޓޯ: ވޭންކޫވަރ ކޯސްޓަލް ހެލްތް ރީސާޗް އިންސްޓިޓިއުޓް
ނިންޖަކީ ބައެއް މީހުންނަށް ފަސޭހަ އެއްޗެކެވެ. ނަމަވެސް އަނެއްބައި މީހުންނަށް މިއީ ވަރަށްވެސް އުނދަގޫބޮޑު އެއްޗެކެވެ. އަރާމު ނިންޖެއް ހޯދުމަށް ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ބައެއް މީހުންގެ ލޮލަކަށް ނިންޖެއް ނާދެއެވެ. އެކަމަކު، ކްލާހުގައި ނުވަތަ އޮފީހުގެ ބައްދަލުވުމެއްގައި، ހޭލާ ހުންނަން ބޭނުންވާއިރު ހީވާނީ އެހެންފަދަ ކަމެއްހެންނެވެ. ފަސް މިނެޓުން ފަސް މިނެޓުން ތާއްޔާޖެހޭނެއެވެ.

މިކަހަލަ ވަގުތުތަކުގައި އެނބުރެވެނީ ކެފެއިންއާއި ދިމާލަށެވެ. ކޮފީއެއް ނޫނީ އެނަރޖީ ޑްރިންކެއް ބޯލައިފިނަމަ ޔަގީނުންވެސް ތާއްޔާޖެހުން ހުއްޓޭނެތާއެވެ. އެކަމަކު ކެފެއިންއަކީ ކޮންމެ ފަހަރަކު އެންމެ ރަނގަޅު އެއްޗެއް ކަމުގައި ނުވެއެވެ. މަދު މިންވަރަކަށް ކެފެއިން ބުއިމުން ހޭލައި ހުރެވި، އެއިން ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ ސިއްހީ ފައިދާތަކެއް ލިއްބައިދިންނަމަވެސް، މާގިނައިން ކެފެއިން ބޭނުންކުރުމުން ހަށިގަނޑަށް ލިބޭނީ ގެއްލުމެވެ.

އެގޮތުން، މަދުންނަމަވެސް، ގިނައިންނަމަވެސް، ކެފެއިން އަކީ އޭގެ ޒާތުގައި ނިންޖަށް އަސަރުކުރާ އެއްޗެއްކަމަށްވާއިރު، އެއީ އިންސާނާގެ ނިދީގެ ޕެޓާންތައް އޮޅުވާލާ އެއްޗެކެވެ. އަދި ވަރުބަލިކަން އިޙްސާސްވާ ކޮންމެ ފަހަރަކު ކެފެއިން ބޭނުންކުރުމުން، އެއާއި ނުލައި ދުވަސް ކުރިއަށް ނުގެންދެވޭ ހިސާބަށް ކަންކަންގޮސް ކެފެއިންއަކީ ވަބާއަކަށްވެސް ބަދަލުވާ ހާލަތްތައް އެބަ އާދެއެވެ.



ކޮންމެއަކަސް، ގަބޫލުކުރަންޖެހޭ ހަޤީޤަތަކީ ކޮފީއާއި ނުލާވެސް އެލާޓުގައި ހޭލާ ހުރެވިދާނެކަމެވެ. ނިދިއަންނަ ކޮންމެފަހަރަކު ނޫނީ ވަރުބަލިވާ ކޮންމެ ފަހަރަކު ހަށިގަނޑަށް ކެފެއިން އެޅުމުގެ ބަދަލުގައި ކުރެވިދާނެ ކަންކަން ހުރިކަމެވެ. އެހެންކަމުން ދެން މިބަލާލަނީ އެފަދަ ބައެއް ކަންކަމުގެ މައްޗަށެޗެ.

ފެން ބުއިމާއި ކުދި ކާނާ ކެއުން

ކެފެއިންއަކީ ވަގުތީ ހައްލެކެވެ. އޭގެ ބަދަލުގައި ހަކަތަ ހިފެހެއްޓުމަށްޓަކައި ހަށިގަނޑަށް ހަގީގަތުގައި ބޭނުންވާ ތަކެތި ހަށިގަނޑަށް ދޭށެވެ. އެއީ ފެނާއި ކާނާއެވެ.

ވަރުބަލިކަމަކީ ހަށިގަނޑުގައި ފެންމަދުވާކަމުގެ ބޮޑު އަލާމާތެކެވެ. އެހެންކަމުން، ފިނި ފެން ބުއިމުން ވަރުބަލިކަންފިލާ، ހަށިގަނޑަށް އާރޯކަން ލިބި ސިކުނޑި ހޭލައްވާލާނެއެވެ. ހަށިގަނޑަށް ބޭނުންވާވަރަށް ފެންބުއިމަކީ މީހާގެ ނިންޖަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭ ވަރަށް ރަނގަޅު އާދައެކެވެ.

މީގެއިތުރުން، ހަކަތަ އިތުރުކުރުމަށްޓަކައި ކާނާ ކެއުމަކީ ރަނގަޅު އުކުޅެކެވެ. އެގޮތުން ވަގުތީ ހައްލަކަށްވުރެ ރަނގަޅުވާނީ ހަގީގީ ހަކަތަ ލިއްބައިދޭ، ކާނާ ކެޔުންކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ކަސްރަތު ފެށުމުގެ ކުރިން ހައިކަން ފިލުވާލުމަށް ކުޑަގޮތެއް ހަދާލުމުން ކަސްރަތުކުރާ ވަގުތު ވަރުބަލި ނުވެ ހަކަތަ ހިފަހައްޓައިދެއެވެ. އެހެންނަމަވެސް، ހަކުރާއި، ތެޔޮ ފަދަ ތަކެތި ގިނަ ކާނާ ބޭނުންކުރުމަކީ ފޮސްވާކަމެއްކަމަށްވާއިރު، ކެއުން އެންމެ ރަނގަޅީ ކާބޯހައިޑްރޭޓްސް އާއި ފެޓްސްގެ އިތުރުން އެންމެ ގިނައިން ޕްރޮޓީން ހުންނަ ކާނާއެވެ.

ކާބޯހައިޑްރޭޓުން ހަކަތަ އިތުރުކޮށްދޭއިރު، ޕްރޮޓީންއިން ހަށިގަނޑުން އެހަކަތަ ޚަރަދުކުރާގޮތް ބަލަހައްޓައިދޭނއެވެ. އެހެންކަމުން، އެނާޖީ ބާ ފަދަ ތަކެތި ކެއުމުގެ ބަދަލުގައި އާފަލަކުން ގުދުރަތީ ހަކުރު ހޯދާށެވެ. ނޫނީ ސެލެޑަކުން ވިޓަމިން ބޫސްޓެއް ހޯދާށެވެ. ނުވަތަ ޓޯސްޓް މަތީގައި ޕީނަޓް ބަޓަރ ހާކައިގެން ކާލާށެވެ. ދުޅަހެޔޮ ކެލަރީތައް ހަށިގަނޑަށް އެތެރެކުރުމަކީ ހޭލާހުރުމަށް އެހިތެރިވެދޭނެ ކަމެކެވެ.

ކަސްރަތުކުރުމާއި ހަރަކާތްތެރިވެ އުޅުން

މޭޒުކައިރީގައި އިނދެ ތާއްޔާ ޖެހެވެނީނަމަ، އެއީ މަސައްކަތް މެދުކަނޑާލުމަށް އެންމެ ރަނގަޅު ވަގުތެކެވެ. ކޮފީ ތައްޓަކާއި ދިމާލަށް އަތް ގެންދިޔުމުގެ ބަދަލުގައި، ގޮނޑިން ތެދުވެ ހަރަކާތްކޮށްލާށެވެ. ހިނގާލާށެވެ. ގުދުވެލާށެވެ. ކުޑަކޮށް ނަށާލިޔަސް މައްސަލައެއް ނެތެވެ. ކަސްރަތު ކުރުމަކީ ހަކަތަ އިތުރުކޮށްދީ، ވަރުބަލިކަމުގެ އިހްސާސްތައް ފިލުވާލައިދޭ ކަމެކެވެ. ހިނގާލުންފަދަ ހަރަކާތްކުޑަ ކަސްރަތުތަކުންވެސް މީހާ ހޭލައްވާލައިދީ ސިކުނޑި ތާޒާކޮށްދެއެވެ.

ދުވާލުގަޑީގައި ހޭލާހުރުމަށް އުނދަގޫވާނަމަ އައްވަށް ނުކުމެލާށެވެ. އިރުގެ އައްޔަކީވެސް ހަކަތަ އިތުރުކޮށްދީ ހޭއަރުވާލައިދޭ އެއްޗެކެވެ. ބަންދުވެގެން އިނުމުގެ ބަދަކުގައި ބޭރަށް ނުކުމެލުމަކީ ނަފްސާނީ ދުޅަހެޔޮކަމަށްވެސް އެހީތެރިވެދޭ ކަމެކެވެ.

ޕަވަރ ނެޕިންގް

ކުޑަކޮށް ނިދާލުމަކީ ކެފެއިންނާއި ނުލައި ހޭލާހުރުމަށް މޮޅު އުކުޅެކެވެ. އާނއެކެވެ. މިދައްކަނީ ހަމަ ނިދިކޮޅަކުން ނިދި ފިލުވާލާ ވާހަކައެވެ.

ރަނގަޅު ޕަވަރނެޕެއްގެ ގޮތުގައި ބަލަނީ 20 މިނެޓުކަމުގައި ވީނަމަވެސް، އެންމެ 10 މިނެޓުގެ ނިދިކޮޅެއް ނިދާލައިގެންވެސް ވަރުބަލިކަން ފިލުވާލައި ހަށިގަނޑު ހޭލައްވާލައިދީ ތާޒާކޮށްދެއެވެ. އެއަށްވުރެ ގިނައިރު ނިދުމުން އެދޭ ފައިދާ ނުހޯދިދާނެއެވެ. އަދި ރޭގަނޑުގެ ނިންޖައްވެސް އަސަރުކޮށްފާނެއެވެ.

ނަމަވެސް، ކުރިއަށް ރާވައިގެން ގަޑިއެއްހާއިރު ނިދާލުމުން، ވަރުބަލިވުމުގެ އިހްސާސުން މުޅިއެކުން ސަލާމަތްވެސް ވެވިދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން