އެއާ އެމްބިއުލެންސްގެ ހިދުމަތް މާޗު މަހު ފަށާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްއިން ރޭ ގެނެސްދިން ޕްރޮގްރާމްއެއްގައި ހަލީލް ވިދާޅުވީ ރަށްރަށުގައި ތިބޭ ބޭފުޅުން ބަލިވެގެން މާލެ ގެނައުމަށް ގިނަ ވަގުތުތަކެއް ހިނގާ ކަމަށެވެ.

އެހެންވެ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެއާ އެމްބިއުލެންސް ޚިދުމަތް މާޗު މަހުގެ ތެރޭގައި ލިބެން ފަށާނެ ކަމަށް ހަލީލް ވިދާޅުވި އެވެ. ހަލީލް ވިދާޅުވީ އެއާ އެމްބިއުލެންސްއަށް ބޭނުންވާ ތަކެތި ހެޔޮ އެދޭ ފަރާތަކުން ހަދިޔާ ކުރާނެ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ.

"އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ކޯޕަރޭޓް ރެސްޕޮންސިބިލިޓީގެ ދަށުން މިހާތަނަށް އައިއިރު ދެ ކުންފުންޏަކުން އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ބޭފުޅުން އަމިއްލަ ފުޅަށް ވިދާޅުވެފަ ވަނީ. އެހެންވީމާ އެއީ ވަރަށް އުފާކުރާކަމެއް." ހަލީލް ވިދާޅުވި އެވެ.

އެއާ އެމްބިއުލެންސްގެ ހިދުމަތް ފަށާއިރު އައިލެންޑް އޭވިއޭޝަން އަދި އެމްއެންޑީއެފްގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ލިބުނުކަން ހަލީލް ފާހަގަ ކުރެއްވި އެވެ.

މާޗު މަހު އެއާ އެމްބިއުލެންސްގެ ޚިދުމަތް ފަށާއިރު އިއްޔެ ވަނީ މާލެއާ ވިލިމާލެއާ ދެމެދު ސީ އެމްބިއުލެންސްގެ ހިދުމަތް ވެސް ފަށައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން