ސިއްޙަތާބެހޭ ވަޒީރު ގީލާ
ސިއްޙަތާބެހޭ ވަޒީރު ގީލާ
ދިވެހިރާއްޖޭގެ ސިއްހީ ނިޒާމުގެ މުސްތަގުބަލު ބިނާވަނީ ހަމައެކަނި ބިނާކުރާ ހޮސްޕިޓަލްތަކާއި ހޯދާ ޓެކްނޮލޮޖީއެއްގެ މައްޗަކަށް ނޫން ކަމަށާއި، އެ ނިޒާމު ބިނާވަނީ އަސާސީ ގޮތުން ތައުލީމުދޭ މީހުންނާއި އުފައްދާ އިލްމުގެ މައްޗަށް ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ގީލާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ބުރާސްފަތި ދުވަހު ކުރިއަށްދިޔަ އޭޑީކޭ ޖެނެރަލް ބުޓީކް އިންޓަނޭޝަނަލް ކޮންފަރެންސް އޮން މެޑިކަލް އެޑިއުކޭޝަން (އައިސީއެމްއީ) 2026 ގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރ ވަނީ ރާއްޖޭގެ ސިއްހީ ދާއިރާގެ ދަތުރު ވަރަށް ދިގު ރާސްތާއެއް ކަނޑަތުކޮށްފައިވާ ކަމަށް ފާހަގަކުރައްވާފައެވެ.

ސިއްހީ ދާއިރާގެ މަސައްކަތްތެރިން ބިނާކުރުމުގެ ބިންގާ އެޅިގެން ދިޔައީ 1973 ވަނަ އަހަރު ކޮމިއުނިޓީ ހެލްތު ވޯކަރުންނަށް ރަސްމީކޮށް ތަމްރީނު ދޭން ފެށުމާއެކު ކަމަށް މިނިސްޓަރު ގީލާ ވިދާޅުވިއެވެ. ފާއިތުވި 10 އަހަރުގެ ތެރޭގައި ނަރުހުންގެ ދާއިރާގެ އިތުރުން ރާއްޖޭގައި މެޑިކަލް އެޑިއުކޭޝަން ނުވަތަ ޑޮކްޓަރުކަމުގެ ތައުލީމު ދިނުމުގެ ދާއިރާ ވެސް ވަނީ ފުޅާވެ ތަރައްގީވެފައެވެ.

ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިން އުފެދި ކުރިއަރަމުން ދިއުމަކީ މި ދާއިރާގައި ފާހަގަކޮށްލެވޭ މުހިންމު ލަނޑުދަނޑިއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސިއްހީ ޚިދުމަތްދޭ މުއައްސަސާތަކާއި ބައިނަލްއަގުވާމީ ޔުނިވާސިޓީތަކާއެކު ގުޅުންތައް ގާއިމުކުރުމުގައި ގައުމީ ޔުނިވާސިޓީން މުހިންމު ދައުރެއް އަދާކުރާކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މެޑިކަލް އެޑިއުކޭޝަނަކީ ހަމައެކަނި ގިނަ ޑޮކްޓަރުންތަކެއް އުފެއްދުން ނޫން ކަމަށާއި، އެއީ ރައްޔިތުންނާއި މުޖުތަމައުތަކުގެ ބޭނުންތައް ދަންނަ، ގާބިލު، އަޚުލާގު ރަނގަޅު އަދި އޯގާތެރި ސިއްހީ މާހިރުން ބިނާކުރުން ކަމަށް މިނިސްޓަރު ގީލާ ވިދާޅުވިއެވެ.

މިނިސްޓަރ ގީލާ ވިދާޅުވީ މުސްތަގުބަލަށް ރާއްޖޭގެ ސިއްހީ ނިޒާމު ތައްޔާރުވަމުން އަންނައިރު، ސިއްހީ ޚިދުމަތްތެރިން ތަމްރީނު ކުރަނީ އިއްޔެގެ ނިޒާމަށްތޯ ނުވަތަ މާދަމާގެ ސިއްހީ ނިޒާމަށްތޯ ސުވާލު އުފައްދަންޖެހޭ ކަމަށެވެ. އަދި ވަރުގަދަ ސިއްހީ ނިޒާމެއް ބިނާވަނީ ހަމައެކަނި ބަލިތަކަށް ފަރުވާދިނުމުގެ މައްޗަށް ނޫން ކަމަށާއި، ބަލިތަކުން ރައްކާތެރިވުން ވާންވާނީ ސިއްހީ ޚިދުމަތުގެ ހިތަށް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު