ހެލްތް މިނިސްޓަރ އަބްދުﷲ ހަލީލް
ހެލްތް މިނިސްޓަރ އަބްދުﷲ ހަލީލް
މެންޓަލް ހެލްތު ހޮސްޕިޓަލު ލ. ގަމުގައި އަޅާ ގޮތަށް ނިންމީ އެ ރަށަކީ ހިތް ގައިމު މާހައުލެއް އޮންނަ ރަށަކަށް ވާތީ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމުން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި މިނިސްޓަރު ވިދާޅުވީ ނަފްސާނީ ފަރުވާ ދެވޭނީ އަމާން، ހަމަހިމޭން އަދި ފެހި މާހައުލެއްގައި ފަރުވާ ދެވިގެން ކަމަށެވެ.

އަދި ގަމަކީ ރާއްޖޭގެ އެފަދަ ގުދުރަތީ އެންމެ ބޮޑު ފަސްގަނޑު ކަމަށް ވާތީ އެ ހޮސްޕިޓަލު ގަމުގައި އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ގަމުގައި މިކަން ކުރެވޭ ހިސާބުން ފެށިގެން މި ދަނީ ވަރަށް ބޮޑު ގްރީނަރީ އަކަށް ދޮއްތޯ. ދަނޑުވެރިކަމާއި އަދި ނެޗުރަލް ގްރީނަރީއާއި ކަންތައްތައް އޮތް ތަނެއް.، ގަސް ގަހާ ގެއްސަކީ ސިކުނޑިއަަށް ހަމަ ވަރަށް ސޫތިން (ހިތްހަމަޖެހުން ލިއްބައިދޭ) ކަމެއް ދެއްތޯ. އައިޑެންޓިފައި ކުރެވިފައި އެ އޮތީ ނޭނގިގެނެއް ނޫން. ހަމަ އެނގިގެން." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މާލޭގައި ނަފްސާނީ ފަރުވާ އައިޖީއެމްއެޗްގައި ނަގަން އޮންނަ އިރު ކާރާ ސައިކަލުގެ އަޑު އިވޭ ކަމަށާއި އެހެންކަމުން އެފަދަ ފަރާތްތަކަށް ހަގީގީ ފަރުވާ ލިބޭނީ ކިހިނެއްތޯ ވިދާޅުވެ ވަޒީރު ސުވާލު އުފެއްދެވި އެވެ.

"ނަފްސާނީ ދުޅަހެޔޮކަމަކީ އަޅުގަނޑުމެންގެ އެޖެންޑާގެ ވަރަށް ކުރީގައި އޮތް އެޖެންޑާއެއް، އެކަން ކުރިއެރުވުމަށްޓަކައި އަޅުގަނޑުމެން ވަރަށް ބާރަށް އެކަން ކުރިއަށް ގެންދާނަން." މިނިސްޓަރު ވިދާޅުވި އެވެެ.

މީގެ ކުރިން ނިމިގެން ދިޔަ ސަރުކާރުގައި ގަމުގައި އަޅަން ނިންމާފައި އޮތީ ކެންސަރު ހޮސްޕިޓަލެވެ. އެކަމަކު އޭގެ އެއްވެސް މަސައްކަތެއް ނުފަށަ އެވެ. އަދި މި ސަރުކާރުން ވެރިކަމަށް އައިސް ކެންސަރު ހޮސްޕިޓަލު ވަނީ މާލެ ސަރަހައްދަށް ބަދަލުކޮށްފަ އެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން