އަޙްމަދު އަސްހަމް ޢަބްދުލްޢަޒީޒު   19 ޖެނުއަރީ 2024 - 23:41
ކާށިދޫއިން ފެނިފައިވާ ވާރުތަބައްޔާ ގުޅިގެން އެރަށުގައި ދިރާސާއެއްކުރުމަށް ނިންމައިފި އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޝިރުނާ މިބައްޔާ ބެހޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ ކާށިދޫގައި ފެތުރޭ މިބައްޔާބެހޭ ދިރާސާ ހެދުމަށް މިހާރު ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެގޮތުން ދިރާސާއަށް ސާމްޕަލް ނަގާނެގޮތާއި ސާމްޕަލް ނަގާނެ ފަރާތްތައް ކަނޑައެޅުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މި ދިރާސާ ފެށުމުގެ ގޮތުން އަންނަ މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގައި ޓީމުތަކުން ކާށިދޫއަށް ފުރާނެ ކަމަށެވެ. އަދި މި މަރުހަލާ ފެށި ދިރާސާ ކުރިއަށް ދިއުމުން އިތުރު މައުލޫމާތު ހާމަކުރާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މި ބަލި ޖެހިފައިވާ ފަރާތްތަކުގެ ސާމްޕަލް ނަގައިގެން ހަދާ މި ދިރާސާ ކުރިއަށްދާނެ ގޮތާމެދު ވަކި އެއްޗެއް އަދި ދަންނަވަން ދަތިކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވި އެވެ.

ކާށިދޫގެ ރައްޔިތުންގެ މެދުގައި ވާރުތަވަމުން އަންނަ މިބައްޔަކީ ނާރުގެ ބައްޔެއްކަން އެނގިފައިވާއިރު ސީދާ ކޮން ބައްޔެއްކަމަށް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. އެހެންކަމުން ހެލްތު މިނިސްޓްރީން މިދިރާސާ ކުރިއަށް ގެންދަނީ ބަލީގެ ވައްތަރު ހޯދައި ބައްޔަށް ފަރުވާއެއް ދެނެގަތުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން