ކުރީ ސަރުކާރުގެ 120 މިލިއަން ރުފިޔާގެ ދަރަނި އެޑިއުކޭޝަން މިނިސްޓްރީގައި އެބަ އޮތް ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ގދ. ގައްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރު ވިދާޅުވީ، މިދިޔަ ވެރިކަން ނިމުނުއިރު އެޑިއުކޭޝަން މިނިސްޓްރީގެ ތެރޭގައި 107 ޕްރޮޖެކްޓަކަށް 120 މިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށެވެ. އަދި ދަރަނި ނުދެއްކުމުގެ ސަބަބުން ޕްރޮޖެކްޓްތައް ހުއްޓިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކުރީ ސަރުކާރު ނިމިގެން ދިޔައިރުގަ އެޑިއުކޭޝަން މިނިސްޓްރީގެ ތެރޭގަ 107 ޕްރޮޖެކްޓަކަށް 120 މިލިއަން ރުފިޔާގެ ދަރަނި އޮތް. ޕްރޮޖެކްޓްތައް ވަނީ ހުއްޓިފަ. ގައްދޫއިން ތިބޭފުޅުންނަށް ތި ފެނިވަޑައިގަންނަވާ މަލްޓިޕާޕަސް ހޯލުވެސް ވަނީ ހުއްޓިފަަ. ހުއްޓިފަ ވަނީ ދަރަނީގެ ސަބަބުން ކޮންޓްރެކްޓަރުންނަށް ފައިސާ ދީފަ ނުވުމުގެ ސަބަބުން." މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަަސައްކަތްޕުޅާއެކު އެމަނިކުފާނުގެ އިރުޝާދާއެކު މިހާރު ވަނީ ކޮންޓްރެކްޓަރުންނަށް 50 މިލިއަން ރުފިޔާ ދައްކާ ޚަލާސް ކޮށްފައި ކަމަށެވެ.

އަދި އިތުރު 43 މިލިއަން ރުފިޔާ ދިނުމަށް މިހާރު މަސައްކަތް ކުރަމުން ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ ސަބަބުން ގައްދޫގެ މަލްޓިޕާޕަސް ހޯލު ވެސް އަދި އެހެން ރަށްރަށުގައި ހުއްޓިފައިވާ ހުރިހާ ޕްރޮޖެކްޓެއްވެސް އަލުން ފެށި، ބާރު ސްޕީޑުގައި ކުރިއަށް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އެ އެންމެހާ ޕްރޮޖެކްޓްތަކެއް ވަރަށް އަވަސް މުސްތަގުބަލެއްގަ ނިމޭނެކަމަށް އަޅުގަނޑު އެންމެހާ ބޭފުޅުންނަށް ދަންނަވާލަން." މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން