ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް
ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް
ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އަންގާރަ ދުވަހު ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

މާދަމާ މެންދުރުފަހު 13:00 އަށް ކްރިމިނަލް ކޯޓުގައި އަނަސްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، އެންމެފަހުން، އަނަސްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ، މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އަދި މިދިޔަ މާޗު މަހުގެ ދެވަނަ ދުވަހު ހެކިވެރިންގެ ހެކިބަސް ނެގުމަށް ތާވަލުކުރި އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31ވަނަ ދުވަހުގެ ރޭ، ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގައިގެ އެތަން މިތަނަށް ވަޅިހަރާ ރަޙުމް ކުޑަ ގޮތަކަށް މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް ގެ މަރުގެ މައްސަލާގައި އެއިރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ، އަނަސް އަށް ޙަމަލާދީ މަރާލާފައިވަނީ އޮޅިގެން ކަމަށާއި، ޙަމަލާގެ އަސްލު އަމާޒަކީ އަނަސް ލައިގެން ހުރި ވައްތަރުގެ ޓީޝާޓް ލައިގެން ހުރި އެހެން މީހެއް ކަމަށެވެ. ނަމަވެސް އެކަމާގުޅޭ އެއްވެސް ތަފްސީލެއް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

އަނަސް މަރާލި މައްސަލައިގައި ދައުވާކޮށްފައި ވަނީ ލ. ގަން، ނަންނާރިގެ ޖުނައިދު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާން އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށެވެ.

މި މީހުންގެ ތެރެއިން، މުހައްމަދު ސާޒު އާއި ޖުނައިދު އަބްދުﷲ އާއި ހަސަން މަހްފޫޒު އަދި ސިމާހު މޫސާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަހުމަދު ޒަހާނާއި އަފްރާހު އަބްދުއްރައްޒާގާއި އުސްމާން ޝަރީފުގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

މި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުކުރަން ދައުލަތުގެ ފަރާތުން ގިނަ ހެކިތަކެއް ހުށަހަޅާފައިވާއިރު، ދައުވާ ލިބޭ ފަރާތްތަކުންވެސް ވަނީ ދިފާއީ ހެކި ހުށައަޅާފައެވެ. އެގޮތުން ދިފާއީ ގިނަ ހެކިތަކަކީ ދައުވާ ލިބޭ ފަރާތް ހާދިސާ ހިނގި ވަގުތު އެތަނުގައި ނެތްކަން ސާބިތު ކުރުމުގެ ގޮތުން ހުށައަޅާފައިވާ ހެކިތަކެކެވެ. ދަޢުލާ ލިބޭ އެންމެންވެސް ވަނީ މީގެކުރިން ދަޢުވާއަށް އިންކާރުކޮށްފައެވެ.

އަނަސްގެ މަރާއި ގުޅިގެން އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ގްރޫޕަކުން ތޫނު ހަތިޔާރާއެކު ލިޓަސް ސާވިސް ސެންޓަރު ތެރެއަށް ވަދެ ތޫނު އެއްޗަކުން އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީފައިވެއެވެ. ލިޓަސް ސާވިސް ސެންޓަރަށް އަނަސް ދުވެފައިގޮސް ވަދެފައިވަނީ އެމީހުން އޭނާގެ ފަހަތުން ދުވެފައި ދިއުމުން ކަން ވީޑިއޯއިން ފެނެއެވެ. އަދި އަނަސްއަށް ހަމަލާދިން އެންމެންވެސް ތިބީ މާސްކް އަޅައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން