ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ކަމަަށް ކުރިމަތިލައްވާފައިވަނީ އެ އެސޯސިއޭޝަންގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ކުރިން އެ އެސޯސިއޭޝަންގެ ރައީސްކަން ކުރެއްވި އަހުމަދު ތޯރިގު (ޓޮމް) ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އެފްއޭއެމްގެ ކޮންގްރެސް އަންނަ މަހު 20 ގައި ބާއްވަން އިއުލާންކޮށްފައިވާއިރު އިންތިހާބަށް ކުރިމަތިލާން ފުރުސަތު ހުޅުވާލާފައި އޮތީ އިއްޔެގެ 2 ޖެހުމާ ހަމައަށެވެ.

ނަމަވެސް މި އިންތިޚާބުގައި ކުރިން، ޖެނުއަރީ 31 ގައި ބާއްވަން އޮތް އިންތިހާބުގައި ރައީސްކަމަށް ވާދަކުރެއްވި ކްލަބް އީގަލްސްގެ މުފާ ވަނީ ވާދަ ނުކުރަން ނިންމަވާފައެވެ. އެފްއޭއެމުން ވަނީ އެ އިންތިޚާބުގައި ވާދަކުރަން ޓޮމް ހުށައެޅުއްވުމުން ޓޮމްގެ ކެންޑިޑެސީ ބާތިލުކޮށްފައެވެ.

އެފްއޭއެމްގެ އަސާސީ ޤަވާއިދު ބުނާގޮތުން އިންތިހާބަށް ކުރިމަތިލެވޭނީ ފުރަތަމަ ޑިވިޝަނުން މަދުވެގެން ތިން ކްލަބްގެ ތާއީދާ އެކުއެވެ. ޠާރިޤަށް ޖުމްލަ 11 ކްލަބަކުން ތާޢީދު ކޮށްފައިވާއިރު އޭގެ ތެރޭގައި ފުރަތަމަ ޑިވިޜަންގެ ވެލެންސިއާގެ އިތުރުން މާޒިޔާ އަދި ޓީސީ ހިމެނެއެވެ.

ނަމަވެސް މިވަގުތު ވެލެންސިއާ އޮތީ ފުޓުބޯޅައިގެ ހުރިހާ ޙަރަކާތްތަކަކުން ސަސްޕެންޑް ކޮށްފައެވެ. އެހެންކަމުން މިފަހަރުވެސް ޓޮމްގެ ކެންޑިޑެސީ ބާތިލުވުމުގެ ފުރުސަތު އެބައޮތެވެ.

އެފްއޭއެމްގެ އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފީފާ އާއި އޭއެފްސީ އާއި ފުލުހުންވެސް ދަނީ ބަލަމުންކަމަށް މަޢުލޫމާތު ލިބެއެވެ.

އޭގެތެރެއިން އެއް މައްސަލައިގައި ބައްސާމްގެ މައްޗަށް ވަނީ މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާ އުފުލައިފަ އެވެ. އަދި އޭނާގެ ޕާސްޕޯޓުވެސް މިހާރުވަނީ ހިފަހައްޓާފައެވެ.

ބައްސާމް އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތި ލެއްވި ކަމަށް އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވީ ނަމަވެސް އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލާފައިވަނީ ކޮން ބައެއްކަން އެ އެސޯސިއޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން