އަހުމަދު ޔާމިން   6 އޭޕްރީލު 2024 - 15:15
ޗީޒީ ޗިކަން ޕަނީނީ ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:

200ގ ބޯންލެސް ޗިކަންއާއި (ކުދިކޮށް ކޮށާފައި)، 1 މިރުހާއި (ކުދިކޮށް ކޮށާފައި)، ސްލައިސް ޗީޒާއި (ބޭނުން ވަރަކަށް)، ކުޑަ ހިކަނދިފަތްކޮޅަކާއި، 10 ކުދި ބާރގާ ބަނަހާއި (ޕާން ވެސް ބޭނުންކޮށްލެވިދާނެ)، މަޔޮނައިސްއާއި (ބޭނުން ވަރަކަށް)، 1 ފިޔާއާއި(ކުދިކޮށް ކޮށާފައި)، 1ކެޕްސިކަމްއާއި (ކުދިކޮށް ކޮށާފައި)، ރަހަލާވަރަށް ލޮނުކޮޅަކާއި، ރަހަލާވަރަށް އަސޭމިރުހާއި، 1 ތަށި ސަބްމެރީން ސޯސްއާއި، ކުޑަ ރާނބާފަތްކޮޅެއް

ޗީޒީޗިކަން ޕަނީނީ ތައްޔާރުކުރާނެ ގޮތް:

ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ފިޔާ، މިރުސް، ހިކަނދިފަތް، ކެޕްސިކަމް އަދި ރާނބާފަތްކޮޅު ކުޑަކޮށް ހަނާ ކޮށްލާށެވެ. ފިޔާކޮޅު ކުޑަކޮށް ރަތްވާން ފެށުމުން ކޮށައިފައި ހުރި ކުކުޅުކޮޅު، ލޮނު އަދި އަސޭމިރުސް މީގެ ތެރެއަށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ކުޅިރަހަ މަޑުހެން ހީވާނަމަ އިތުރަށް މިރުސް އެޅިދާނެއެވެ. ކުކުޅުކޮޅު ރަނގަޅަށް ރޯފިލުމުން އުނދުން މަތިން ބޭލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.

ތެއްޔަކަށް ކުރިން ތައްޔާރުކުރި ކުކުޅުކޮޅު އެޅުމަށްފަހު ހިކަނދިފަތް އަދި ރާނބާފަތްކޮޅު އަތުން ހޮވާލާށެވެ. މީގެ ތެރެއަށް މަޔޮނައިސްކޮޅެއް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

ބާރގާ ބަނަސްތައް މެދުން ކަފާލުމަށް ފަހު ކޮންމެ ފަޅިއެއްގެ ވެސް އެތެރޭގައި މޭޒުމަތީ ސަމުސަލެއްގެ ސަބްމެރީން ސޯސްކޮޅެއް ހާކާލާށެވެ. މީގެ ތެރެއަށް ކުރިން ތައްޔާރުކުރި ކުކުޅު މަސްކޮޅެއް އެޅުމަށްފަހު ބަނަހުގެ އެއްފަޅީގައި ފަތުރާލާށެވެ.

އެއަށްފަހު މީގެ މައްޗަށް ޗީޒް ސްލައިސްއެއް 4 ބައިކުޅަ އެއްބައި ލުމަށްފަހު ޕަނީނޯ ފިހާ އެއްޗެއްގެ ތެރެއަށްލާ ފިހެލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން