ސްރީލަންކާ އަކީ އަބަދުވެސް ދިވެހިރާއްޖޭގެ ގާތް އަވަށްޓެރި ގައުމެއްކަމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަމީރު މިހެން ވިދާޅުވީ މިއަދު ސްރީލަންކާގެ ފޮރިން މިނިސްޓަރ އަލީ ސަބްރީ އާއި ބައްދަލުކުރައްވާ ދެއްކެވި ރަސްމީ ވާހަކަފުޅުތައް ނިންމަވާލެއްވުމަށް ފަހު މީޑިއާއާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރ ޒަމީރު ވަނީ ސްރީލަންކާ އަކީ އަބަދުވެސް ދިވެހިރާއްޖޭގެ ގާތް އަވަށްޓެރި ގައުމެއްކަން ފާހަގަކުރައްވާ، ރާއްޖޭގެ ތަރައްގީއަށް ސްރީލަންކާ ވެދެއްވަމުން ގެންދަވާ އެހީތެރިކަމާ ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ސްރީލަންކާގައި ދިރިއުޅޭ އެތައް ސަތޭކަ ދިވެހިންނާ މެދު ސްރީލަންކާއިން ބަހައްޓަވާ ގާތްކަން ފާހަގަކުރައްވާ، އެކަމަށްވެސް މިނިސްޓަރ ޒަމީރު ޝުކުރު އަދާކުރެއްވިއެވެ.

މިިނިސްޓަރގެ ވާހަކަފުޅުގައި އަޑިއަޅާލާފައިވާ ސްރީލަންކާގެ އިގުތިސާދު ނަގާ ކޮޅަށް ޖެހުމަށް ސްރީލަންކާ ސަރުކާރުން ކުރަމުންދާ މިންނެތް މަސައްކަތް ފާހަގަކުރައްވާ، ސްރީލަންކާ ސަރުކާރުން ހޯދަމުންދާ ކުރިއެރުމަށް މަރުހަބާ ވިދާޅުވެފައިވެއެވެ.

ހަމަމިއާއެކު، ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލާ، އެކި ދާއިރާ ތަކުން ދެގައުމުގެ ގުޅުން ހަރުދަނާ ކުރުމަށް ސްރީލަންކާގެ ފޮރިން މިނިސްޓަރާއެކު މަޝްވަރާ ކުރެއްވިކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ. އަދި މިބައްދަލުވުމުގައި ދެގައުމުގެ ދެމެދު ޓްރޭޑް އެންޑް އިންވެސްޓްމަންޓް ދާއިރާ ޕްރޮމޯޓް ކުރުމަށް މަސައްކަތްކުރަން ޖެހޭކަމަށް ދެގައުމުންވެސް އެއްބަސްވެފައިވާ ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން