އިސްރާއިލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން އުޅޭތީ އެމެރިކާއިން ރާއްޖެއަށް ދޭ އެހީ ކަނޑާލަން އުޅޭ މައްސަލައިގެ ފަހަތުގައި ހުންނެވީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

އިސްރާއިލުގެ ޕާސްޕޯޓް މަނާކުރަން ނިންމިކަން ރާއްޖޭގެ ސަރުކާރުން ހާމަކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.

އެކަމާ ގުޅިގެން ރާއްޖެއަށް ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު އިސްރާއިލުގެ އެންމެ ބޮޑު ބައިވެރިޔާ އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ އިސް މެމްބަރަކު ވަނީ އެ ނިންމުމާ ދެކޮޅަށް ތެދުވެވަޑައިގެންފަ އެވެ.

އަދި މިއީ ހުރިހާ ޔަހޫދީންނާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށް ވިދާޅުވެ އެމެރިކާއިން ރާއްޖެއަށް ދޭ އެހީ ކަނޑާލަން ބިލެއް ހުށަހެޅުމަށް އޭނާ މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާގެ ނޫހަކުން ވަނީ ބުނެފަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އެމެރިކާގެ ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

އެކަމާ ގުޅިގެން މަޖިލިސް މެމްބަރު އިބްރާހިމް އެކްސްގައި ވިދާޅުވީ އޭގެ ފަހަތުގައި ތިބީ އެމްޑީޕީން އަބްދުﷲ ޝާހިދު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންވެ އެކަން އިތުރަށް ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ނިމުނު ފަހުން އައި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އިސްރާއިލާއެކު ގުޅުންތައް ބޭއްވި އެވެ. އެހެންވެ އެކަމަށް ވަރަށް ބޮޑަށް ފާޑުކިއުންތައް އަމާޒުވި އެވެ.

ނަމަވެސް ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި މުޅިންހެން ފެނުނީ ފަލަސްތީނާ އެއްކޮޅަށް ވަކާލާތު ކުރިތަނެެވެ. ހުދު އެމްޑީޕީގެ މެޖޯރިޓީ އޮތް ނިމިގެން ދިޔަ މަޖިލީހުގައި އިސްރާއިލުގެ ޕާސްޕޯޓް މަނާކުރަން ގަރާރެއް ވެސް ފާސްކުރި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން