ފޮޓޯ: ސްރީލަންކާގެ ފޮރިން މިނިސްޓްރީ.
ފޮޓޯ: ސްރީލަންކާގެ ފޮރިން މިނިސްޓްރީ.
ދިވެހިރާއްޖެ އާއި ސްރީލަންކާއާއި ދެމެެދު އެކި ދާއިރާތަކުން އެއްބާރުލުންދީ އެކުގައި މަސައްކަތް ކުރަން މަޝްވަރާކުރެއްވިކަން މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ހާމަކުރައްވައިފިއެވެ.

މިނިސްޓަރ ޒަމީރު މިހެން ވިދާޅުވީ މިއަދު ސްރީލަންކާގެ ފޮރިން މިނިސްޓަރ އަލީ ސަބްރީއާއި ބައްދަލުކުރައްވާ ދެއްކެވި ރަސްމީ ވާހަކަފުޅުތައް ނިންމަވާލެއްވުމަށް ފަހު މީޑިއާއާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހު ވާހަކަ ދައްކަވަމުން، މިނިސްޓަރު އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ވަނީ ސްރީލަންކާއިން ރާއްޖޭގެ ވަފުދަށް އެރުވި ހޫނު މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރިކަމަށް އަލިއަޅުވާލައްވާފައެވެ. އަދި ސްރީލަަންކާގެ ފޮރިން މިނިސްޓަރ އަލީ ސަބްރީ އާއެކު ބޭއްވެވި ރަސްމީ މަޝްވަރާގައި އިޤްތިޞާދާއި، ވިޔަފާރިއާއި، ތަޢުލީމާއި، މަސްވެރިކަމާއި، ސިއްޙަތާއި، ފަތުރުވެރިކަމާއި، އަދި މީގެއިތުރުންވެސް އެކި ދާއިރާތަކުން އެއްބާރުލުންދީ އެކުގައި މަސައްކަތް ކުރަން މަޝްވަރާކުރެއްވިކަން މިނިސްޓަރ ޒަމީރު ފާހަގަކުރެއްވިއެވެ.

އެގޮތުން ދެގައުމުންވެސް ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އަދި ގަވާއިދާ ހިލާފަށް ދެގައުމުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގައި މަސްވެރިކަން ކުރުން ހުއްޓުވުމަށް އެކުގައި މަސައްކަތް ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން މިމަޝްވަރާތަކުގައި، ސަލާމަތީ ގޮތުން އެއްބާރުލުން ދިނުމާއި، އޮފިސަރުން ތަމްރީނު ކުރުމަށް ހުރި ފުރުސަތުތަކާއި ބެހޭގޮތުންނާއި، އަދި ޓެރަރިޒަމާއި ހިއުމަން ޓްރެފިކިންއާއި، ދެކޮޅަށް ކުރެވޭ މަސައްކަތް ތަކާއި އިންސާނީ ހައްގުތައް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން ސާކް އަދި އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރުއޭ) ފަދަ ޕްލެޓްފޯމްތަކުގެ ތެރެއިން ސަރަހައްދީ ތަރައްގީއާއި ކުރިއެރުން ހޯދުމަށް އެއްބާރުލުން ދިނުމަށް ދެ ގައުމުން ވެސް އެއްބަސްވެފައިވާކަން މިނިސްޓަރ ޒަމީރު ފާހަގަކުރެއްވިއެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ އެމިޝަންސް ހާސިލް ކުރުމަށް ރާއްޖެއިން ވައުދުވެފައިވާކަން ތަކުރާރުކޮށް، ދުނިޔެއަށް ކުރިމަތިވެފައިވާ މި ގޮންޖެހުން ހައްލުކުރުމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ޒަމީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ސްރީލަންކާގެ ފޮރިން މިނިސްޓަރު ސަބްރީ، ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ވަނީ ދައުވަތު ދެއްވާފައެވެ. އަދި މި މަޝްވަރާތައް ނިންމާލީ މުސްތަގުބަލަށް އުންމީދީ ގޮތެއްގައި ކަމަށާއި، ދެ ގައުމުން ވެސް ދެގައުމުގެ ތަނަވަސްކަމާއި ސަރަހައްދީ ހަމަޖެހުމަށް ގާތުން މަސައްކަތް ކުރަމުން ގެންދިއުމަށް ވައުދުވެފައިވާ ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން