ރައްޔިތުންގެ މަޖުލީހުގައި މިހާރު ސަރުކާރުގެ ސުޕަ މެޖޯރިޓީ މައިނޯރިޓީ އަށް ބަދަލުވުމަކީ ދުރުގައިވާ ކަމެއް ނޫން ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ ) ވިދާޅުވީ، މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގައި ސުޕަ މެޖޯރިޓީ މައިނޯރިޓީ އަށް ބަދަލުވުމަކީ ދުރުގައިވާ ކަމެއް ނޫން ކަމަށެވެެ. އެގޮތުން މިހާރު މަޖިލީހުގައި ސަރުކާރަށް ސުޕަ މެޖޯރިޓީ އޮތް ނަމަވެސް ހުރިހާ މެމްބަރުން ކުރިއަށް އޮތްތާގައި އެކަތިގަނޑެއްގެ ގޮތުގައި ތިބެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މޫސަ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންތިހާބު ކުރުމަށް ނެގި ވޯޓުގައި ހިނގާދިޔަ ކަންކަމުން މިސާލު ނަންގަވަމުން މޫސަ ވިދާޅުވީ އެކަން ފުރަތަމަ ޖަލްސާއިން ވެސް ފެނިގެން ދިޔަ ކަމަށެވެ.

މޫސަ އިތުރަށް ވިދާޅުވީ ކުރިއަށް އޮތީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރުމުގެ މައްސަލަ ކަމަށާއި 2025 ވަނަ އަހަރަށް ބަޖެޓު ފާސްކުރާއިރު ފެންމަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އަތޮޅުގެ ރައްޔިތުންނާ ރަށްރަށުގެ ރައްޔިތުން އެދޭ ކަންކަން 2025ގެ ބަޖެޓުގައި ނުހިމަނާ ކަމަށްވާނަމަ މެޖޯރިޓީ މައިނޯރިޓީއަށްވުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށް މޫސަ ވިދާޅުވިއެވެ.މާޒީއަށް ބަލާއިރު ވެސް އެކަން ފެނިގެން ގޮސްފައިވާ ކަމަށް މޫސަ ފާހަގަކުރެއްވިއެވެ. އަދި މެމްބަރުން މަޖިލީހަށް ވަޑައިގެން ތިއްބެވީ ވަރަށް ގިނަ ވައުދުތަކެއް ރައްޔިތުންނަށް ވެގެން ކަމަށާއި އެކަން ކުރުމަށް ސަރުކާރަށް ބާރު އަޅާނެ ކަމަށް މޫސަ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން