19 ވަނަ މަޖިލީހުން ރުހުން ނުދޭން ނިއްމި ތިން ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ފާސްކޮށްފިއެވެ.

ނިމިދިޔަ ދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިނުވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ. އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން އެ ތިން ބޭފުޅުންނަށް ރުހުން ނުދިނުމުން ރައީސް މުޢިއްޒު ވަނީ އެބޭފުޅުން ހަމަ އެ މަގާމުތަކަށް އަލުން އައްޔަން ކުރައްވައި މަޖިލީހުގެ ރުހުން ހޯދުމަށް ދެވަނަ ފަހަރަށް ފޮނުއްވާފައެވެ.

ރައީސް މުޢިއްޒު އަލުން މަގާމަށް އައްޔަން ކުރެއްވި ތިން ވަޒީރުން ރުހުން ދިނުމަށް ފޮނުވި މައްސަލަ 20ވަނަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމެޓީން ދިރާސާ ކުުރުމަށްފަހު ރުހުން ދޭން ފެންނަ ކަމަށް ނިންމީ މިރޭ ބޭއްވި އެކޮމެޓީގެ ބައްދަލުވުމުގައެވެ.

އެގޮތުން މިރޭ ކުރިއަށް ދިޔަ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ ތިން ވަޒީރުންގެ ވެސް ވަޒީރު ކަމުގެ ޝަރުތު ހަމަވާކަމަށް ނިންމައި ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ. އެގޮތަށް ފާސްކުރީ ކޮމެޓީ އަށް ހާޒިރުވެ ތިއްބެވި ނުވަ މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓުންނެެވެ. އެ ތިން ބޭފުޅުންނަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓް ދެއްވީ އެންމެ މެމްބަރެކެެވެ.

ތިން ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ކޮމެޓީން ފާސްކުރި ނަމަވެސް އެބޭފުޅުންނަށް ރުހުން ދިނުމާއި މެދު ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން