އިސްރާއިލުގެ ޕާސްޕޯޓްގައި އެ ގައުމުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރަން ނިންމުމުން އެމެރިކާގެ އެހީ ކަނޑާލާނެކަމުގެ ބިރު ދައްކަމުންދާތީ ޝައިހު އަލީ ޒައިދު ރައްދު ދެއްވައިފި އެވެ.

އިސްރާއިލުގެ ޕާސްޕޯޓް މަނާކުރަން ނިންމިކަން ސަރުކާރުން ހާމަކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.

އެގޮތުން އެކަމަށްޓަކައި މިހާރު ކޮމިޓީއެއްވެސް އެކުލަވާލައިފައިވާ ކަމަށް ސަރުކާރުން ހާމަކުރި އެވެ.

އެ މައްސަލައަށް ބައިނަލްއަގުވާމީ ބޮޑު ސަމާލުކަމެއް ލިބިފައިވަނިކޮށް އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ މެމްބަރެއް ކަމަށްވާ ޖޯޝް ގޮޓްހެއިމާ ވަނީ އެ ނިންމުން ކުށްވެރިކުރައްވައިފަ އެވެ. އަދި އިސްރާއީލަކީ އެމެރިކާގެ އެންމެ ބޮޑު ޑިމޮކްރެޓިކް ބައިވެރިޔާ ކަމަށްވާއިރު ރާއްޖޭގެ ނިންމުމަކީ މުޅި ޔަހޫދީންނާ ދެކޮޅުވުން ކަމަށް އޭނާ ވަނީ ސިފަ ކުރައްވައިފައި އެވެ.

އަދި އިސްރާއިލުގެ ޕާސްޕޯޓް މަނާކުރާނަމަ ރާއްޖެއަށް ދޭ އެހީތައް ކަނޑާލަން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށަހަޅަން އޭނާ ތައްޔާރުވަމުންދާ ކަމަށް ވެސް އެމެރިކާގެ ނޫހަކުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ޝައިހު ޒައިދު އެކްސްގައި ވިދާޅުވީ ރިޒުގު ދެއްވަނީ އެމެރިކާ އަކުން ނޫން ކަމަށާއި އެމެރިކާ ރުޅިއަޔަސް ހައްގު ވާނީ ހައްގަށް އަދި ބާތިލު ވާނީ ބާތިލަށް ކަމަށެވެ.

"އަޅުގަނޑު ދިވެހި ސަރުކާރާ އެންމެހާ ދިވެހިންނަށް ގޮވާލަނީ އެމެރިކާ ދެކެ ޖެހިލުން ނުވުމަށް. ބިރު ނުގަތުމަށް. އަހަރުމެން އަޚުންނާއެކު ސާބިތުވެ ތިބުމަށް." ޒައިދު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން