ދަސްވެނިކަމަކީ ހަމައެކަނި ސަނަދެއް ނޫންކަމަށާއި އެއީ އެކިކަންކަމުގައި ތިމާގެ ޤާބިލުކަން އިތުރުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސާޖިދާ މިހެން ވިދާޅުވީ މިއަދު ހެދުނު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައި ބޭއްވި އެ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި، ޔުނިވަރސިޓީގައި ކިޔަވަމުންދާއިރު މީހުންނާ ގުޅިގެން އުޅުމާއި މުޢާމަލާތު ކުރުމުގެ ޤާބިލުކަމާއި ކަންކަން ވަޒަންކޮށް ފާޑުކިޔުމުގެ ޤާބިލުކަމާއި ކަންކަމަށް އާ ބަދަލުތައް ގެނެސް އުފެއްދުންތެރިކަން ކުރިއަށް ނެރުމުގެ ޤާބިލުކަންފަދަ ކަންކަން އަށަގެންނެވުމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭކަން ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ، ޔުނިވަރސިޓީން ދަސްވެނިވުމާއި ހަމައިން ކިޔެވުން ނިންމައިނުލައި ޢިލްމާއި ހުނަރު ތަރައްޤީކުރުމަށް އަބަދުވެސް އަމިއްލައަށް މަސައްކަތްކުރަމުން ގެންދިއުމަށް އެކަމަނާ ދަސްވެނީންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ ފަހުގެ ތާރީޚުގައި ދިވެހި އިސްލާމީ މުޖުތަމަޢަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދިން ތާރީޚީ ހިޔާވައްސެއްކަން ފާހަގަކުރައްވައި އެ ޔުނިވަރސިޓީގެ ފެށިގެންއައި ގޮތުގެ ތާރީޚަށްވެސް އަލި އަޅުވާލައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މިއަދުގެ ހެނދުނުގެ ދަންފަޅީގައި ދަސްވެނިވި ބައެއް ދަރިވަރުނަށް ސަނަދު ހަވާލުކޮށްދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން