ކަސްޓަމްސްއިން އަތުލައިގަނެފައިވާ ވައިގެ މަގުން ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި
ކަސްޓަމްސްއިން އަތުލައިގަނެފައިވާ ވައިގެ މަގުން ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި
ކުރިއަރ އަދި ވައިގެ މަގުން ރާއްޖެއެތެރެކުރަން އުޅުނު ޖުމްލަ 7.840 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގަނެފިއެވެ.

ކަސްޓަމުން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ އެޕްރީލް އަދި މެއި މަހުގެ ތެރޭގައި ވައިގެ މަގުން އައިސްފައިވާ ފަސިންޖަރުން އަދި ކުރިއަރ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލުތައް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައިކަމަށެވެ.

މިގޮތުން ތަފާތު 4 މައްސަލައެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާއިރު، މި ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމުން ތަހްލީލް ކުރުމުން މަސްތުވާތަކެތީގެ ބާވަތްތައްކަމަށްވާ ސިންތެޓިކް ކެތިނޯން، ކޮކެއިން، އަދި ހެރޮއިން އަށް ޕޮޒިޓިވް ވެފައިވާކަމަށް ދިވެހި ކަސްޓަމުން ހާމަކޮށްފައިވެއެވެ.

އެގޮތުން އޭޕްރީލް މަހު ވައިގެމަގުން ލަގެޖްގައި 5,670 ގްރާމްގެ ކޮކެއިން އަދި ކުރިއަރ މެދުވެރިކޮށް ސިންތެޓިކް ކެތިނޯން 180 ގްރާމް ރާއްޖެއެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާކަމަށް ކަސްޓަމުން ބުނެއެވެ. އަދި ހުސްވި މެއި މަހު ކުރިއަރ މެދުވެރިކޮށް 1,690 ގްރާމްގެ ސިންތެޓިކް ކެތިނޯން އަދި ވައިގެމަގުން ލަގެޖްގައި 300 ގްރާމް ހެރޮއިން ރާއްޖެއެތެރެކުރަން އުޅެނިކޮށް ވަނީ އަތުލައިގަނެފައެވެ.



މި މައްސަލަތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 7.840 ކިލޯގުރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 17,726,000.00 (ސަތާރަ މިލިއަން ހަތްލައްކަ ސައްބީސް ހާސް) ދިވެހި ރުފިޔާކަމަށް ކަސްޓަމުން ލަފާކޮށްފައިވެއެވެ.

ކަސްޓަމުން ބުނީ މި މައްސަލަތައް އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، މައްސަލަތަކުގައި ޝާމިލްވާ ފަރާތްތައް އަދި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ދިވެހި ފުލުހުންގެ ޚިދުމަތާއި ހަވާލުކުރެވިފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން