މާލެ ސަރަހައްދުގެ ރައްޔިތުންނަށް ގޯތި ދިނުމުގެ މަސައްކަތް އަވަސް ކުރުމަށް މި ސަރުކާރުން މަސައްކަތްތަކެއް ކުރާތަން ފެނިވަޑައިނުގަންނަވާކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އާޒިމް ރޭ ވިދާޅުވީ، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލެއް ނުލިބި ލަސްވާތީ އެކަމާ ކަންބޮޑުވާކަމަށާއި އެކަމުގައި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

އަދި ރައްޔިތުން ބޭނުންވަނީ ހުސް އަނގަތަކެއް ތަޅާނެ ބަޔަކު ނޫންކަމަށާއި ރައްޔިތުން ވެރިން އިންތިހާބު ކުރަނީ ހިދުމަތް ކުރުމަށް ކަމަށާއި އެހެންކަމުން ސަރުކާރުން ވެސް އެކަމުގައި އަމަލީ ސިފަ ގެނައުމަށް ގިނަ މަސައްކަތްތަކެއް އަވަސް ގޮތެއްގައި ސަރުކާރުން ހިންގަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މާލޭ ރައްޔިތުން އުޅެމުންދަނީ ވަރަށް ދަތި ހާލުގައި ކަމަށާއި އެގޮތުގައި އުޅޭތާ 40 ވަރަކަށް އަހަރު ވެއްޖެކަމަށާއި އެގޮތަށް އެ ރައްޔިތުން އުޅޭތަން ބަލަން ފަސޭހަ ނޫންކަމަށެވެ. އަދި އާޒިމް ސަރުކާރުގައި އެދިލައްވަމުން މިދަނީ، އެމްޑީޕީ ސަރުކާރުން ދޫކުރަން ނިންމި ގޯތިތައް ލަސްނުކޮށް ދޫކޮށްދިނުމަށް ކަމަށާއި އޭގެ އިތުރުން، މާދުރުގައި އޮތް ރަސްމާލެ ފަދަ ތަންތަނުން ގޯތި ދިނުމުގެ ބަދަލުގައި މާލެއާއި ކައިރިން ކުރިން ދޭން ނިންމާފައިވާ ތަންތަނުގެ މަސައްކަތް އަވަހަށް ނިންމާ ގޯތި ދިނުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ވަނީ މާލޭ ސަރަހައްދުން ގިނަ އަދަދެއްގެ ބިންތަކެއް އެ ސަރަހައްދުގެ ރައްޔިތުންނަށް ދޭން ނިންމާ ބައެއް ގޯތިތަކުގެ ރަޖިސްޓްރީވެސް ދީފައެވެ. ނަމަވެސް، އޭގެ ތެރެއިން ބައެއް ބިންތައް އަދި ހިއްކާފައި ވެސް ނުވާއިރު ސަރުކާރުން ދަނީ އެ ސަރުކާރުން ގޯތި ދޫކުރަން ނިންމާފައި އޮތީ އިންސާފުވެރިކޮށް ނޫންކަމަށް ބުނެ އަލުން ލިސްޓްތައް އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން