ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ކުރީގެ ލީޑަރު އަޙްމަދު ނިހާންހުސައިން މަނިކުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ޕީޖީ އޮފީހުން ގެންދިޔައީ ސަރުކާރުން ނުފޫޒުން ކަމަށް ކުރީގެ ނާއިބް ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ތުހުމަތުކުރައްވައިފިއެވެ.

ނިހާންގެ މައްޗަށް ދައުލަތުން ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި ރިޝްވަތު ހިފުމުގެ ތިން ދައުވާއެއްގެ އިތުރުން މަނީލޯންޑްރިންގެ ދައުވާ އެއް ވަނީ އުފުލާފައެެވެ. 2019 ވަނަ އަހަރުގެ ތެރޭގައި ނިހާނުގެ މައްޗަށް އެދައުވާ ތަށް އުފުލީ ރައީސް ޔާމިން ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ އާއި ގުޅިގެންނެެވެ. އެދައުވާތަށް ޕީޖީ އޮފީހުން މިހާރު ވަނީ އަނބުރާ ގެންގޮސްފައެވެ. އެކަމާ ގުޅިގެން ކުރީގެ ނާއިބް ރައީސް އަދި ރައީސް ޔާމިން ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލު ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ ނިހާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އަނބުރާ ގެންދިޔައީ މިސަރުކާރުގެ ނުފޫޒުން ކަމަށެވެ. އަދި މިއީ ރޯމާދުވާލު ގާނޫނީ ނިޒާމު ވެރިކަން ކުރާ މައިޕާޓީ ޕީއެންސީން ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް ޖަމީލް ވިދާޅުވިއެވެ. ޑރ.ޖަމީލް އިތުރަށް ވިދާޅުވީ ވ.އާރަށުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ 2021 ވަނައަހަރު ސުޕްރީމް ކޯޓްގެ ހުކުމް އައިފަހުން ކަމަށެވެެ. އެހެންކަމުން ޔާމިންގެ މައްޗަށް އުފުލާފައިވާ ދައުވާތަށް އަނބުރާ ނުގެންދަނީ ކީއްވެތޯ ޖަމީލު ވަނީ ސުވާލު ކުރައްވާފައެވެ.

"ވ. އާރަށު މައްސަލަ އަނބުރާ ގެންދާވަރުގެ މަރު ދޮގު ގާޟީ ޝަކީލު ހަދާފައިވާކަމަށް ހައިކޯޓުން ބުނީ. ކީއްވެ އެދައުވާ އަނބުރާ ނުގެންދެވިގެން އުޅެނީ"؟ ޖަމީލު ސުވާލު ކުރެއްވިއެވެ.

މިކަމާ ގުޅިގެން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ، އަހުމަދު ޝަފީއު ވިދާޅުވީ، ނިހާންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ނިންމާފައިވަނީ މީގެ ދެމަސް ކުރިން ކަމަށެވެ. އެ ދައުވާތައް އަނބުރާ ގެންދަން ނިންމާފައިވަނީ ކުރީގެ ރައީސް ޔާމީންގެ މައްސަލާގައި 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ކުރި ހުކުމަށް ރިއާޔަތްކޮށް ބެލިއިރު، އޭނާގެ މައްޗަށް އެ ދައުވާ ސާބިތުވާނެ ކަމަށް ނުބެލެވޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިހާންގެ މައްޗަށް ކުރި ދައުވާ ތަށް އަނބުރާ ގެންގޮސްފައިވާ ކަން ހާމަވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް އޭނާ އައްޔަންކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ މަގާމަށް ނިހާން އައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމެވެ. ނިހާން މިހާރު ވަނީ އެ ވަޒީފާއަށް ނިކުންނަވަން ފައްޓަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން