އިސްރާއިލުގެ ޕާސްޕޯޓު މަނާކުރަން އުޅޭތީ އެއްވެސް ގައުމަކުން މައްސަލަ ނުޖައްސާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އިސްރާއިލުގެ ޕާސްޕޯޓް މަނާކުރަން ނިންމިކަން ސަރުކާރުން ހާމަކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.

އެގޮތުން އެކަމަށްޓަކައި މިހާރު ކޮމިޓީއެއްވެސް އެކުލަވާލައިފައިވާ ކަމަށް ވެސް ސަރުކާރުން ހާމަކުރި އެވެ.

އެ މައްސަލައަށް ބައިނަލްއަގުވާމީ ބޮޑު ސަމާލުކަމެއް ލިބިފައިވަނިކޮށް އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ މެމްބަރަކު ވަނީ އިސްރާއިލުގެ ޕާސްޕޯޓު މަނާކުރާ ގައުމުތަކަށް އެެމެރިކާއިން ދޭ އެހީ ކަނޑާލަން ބިލެއް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަަމަވެސް ރަސްމީ ގޮތުން އެމެރިކާގެ ސަރުކާރުން އެ މައްސަލައިގައި ވަކި އެއްޗެއް ނުބުނެ އެވެ.

އެކަމާ ގުޅޭ ގޮތުން މިނިސްޓަރު ޒަމީރު ރާއްޖޭގެ ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕާސްޕޯޓް މަނާކުރަން ނިންމިކަން އެމްބަސީތަކާ ވެސް ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް މިހާތަނަށް އެކަމާ ގުޅޭ ޝަކުވާއެއް ލިބިފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން