މި ހިނގާ ޖޫން މަހުގެ 20 ވަނަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން ނެރުުނު އެންގުމެއްގައި ބުނެފައިވަނީ ސައުދީ އަރަބިއްޔާއަށް، 1445 ވަނަ އަހަރުގެ ޒުލްހިއްޖާ މަހުގެ ހަނދު ފެނިފައިވުމާ އެކު ދިވެހިރާއްޖޭގައި ހަނދު ސާބިތު ކުރުމުގެ އުސޫލަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގައިވެސް 1445ވަނަ އަހަރުގެ ޒުލްހިއްޖާ މަހުގެ ފުރަތަމަ ދުވަހަކީ ޖޫން ހަތެއް ވީ ހުކުރު ދުވަސް ކަމަށާ އަރަފާތު ދުވަހަކީ ޖޫން 15 ވާ ހޮނިހިރު ދުވަސް ކަމަށާއި އަދި އަޟުހާ އީދު ދުވަހަކީ ޖޫން 16 ވާ އާދީއްތަ ދުވަސް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅުއްވާފައިވާ ކަމަަަށެވެ.

އެގޮތުން މި އަހަރުގެ ހައްޖު ދުވަހާ އަޟުހާ އީދު ދުވަހުގެ އިތުރުން ސަރުކާރު ބަންދު ވާނީ އަޟުހާ އީދުގެ މުނާސަބަތުގައި މި ޖޫން މަހުގެ 17، 18، 19 މި ތިން ދުވަސް ކަމަށް ވެސް އެންގުމުގަައި ބުނެފައިވެއެވެ.

ނަމަވެސް ކުރިން ހަމަޖެހިފައިވާ ގޮތުން މި ޖޫން މަހުގެ 20 ވާ ބުރާސްފަތި ދުވަހަކީ ބަންދު ދުވަހެއް ކަމުގައި ބަލައިގެން ގިނަ އަދަދެއްގެ މުވައްޒަފުން އީދު ބަންދު ގައި ރާއްޖެއިން ބޭރަށާ ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުތައް ހަމަޖައްސާނެތީއާ އެކު އީދު ބަންދަށް ފަހު މި ޖޫން މަހުގެ 20 ވަނަ ދުވަހަކީ ސަރުކާރުގެ އޮފީސްތައް ހުޅުވާ ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިނަމަ ވަރަށް ގިނަ މުވައްޒަފުންނަށް ދަތިވާނެ ކަމަށް ފެނިވަޑައިގަންނަވާތީ ޖޫން 20 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން އީދު ބަންދަށް ފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ ޖޫން 23 ވާ އާދީއްތަ ދުވަހު ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން