ރައްޔިތުންގެ ހައްޤުގައި ކުރައްވާ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުން ދޭންޖެހޭ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަޙީމް ވިދާޅުވީ މަޖިލީހުގެ އަގު އޮތީ ރައްޔިތުންގެ ކުރިމަތީގައި ވެއްޓިފައި ކަމަށެވެ. އެހެންކަމުން މަޖިލީހަށް ކުރާ އިތުބާރު އަލުން ހޯދަންޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރާ މަޖިލީހަކަށް ހަދައި އެ އިތުބާރު އަލުން ހޯދަން މަސައްކަތް ކުރާނެ ކަމަށް ވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޒިންމާއަކަށްވާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތް ކުރުން. ރައްޔިތުންނަށް ޚިދުމަތެއް ދިނުމުގައި ޤާނޫނީ ހުރަހެއް އޮތިއްޔާ އެކަން ނައްތާލުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. ނޫނީ ޤައުމުގެ ޙައްގުގައި ކަމެއް ކުރުމަށް ޤާނޫނެއް ބޭނުންވާނަމަ އެ ޤާނޫނެއް ގެނެސްދިނުމަކީވެސް ޒިންމާއެއް. ނޫނީ ޤާނޫނެއްގެ ސަބަބުން ރައްޔިތުންގެ ޙައްގު ގެއްލޭކަމަށްވާނަމަ ނުވަތަ ޤައުމަށް ގޮންޖެހުންތައް ކުރިމަތިވާނަމަ އެ ޤާނޫނު އުވާލުން އެއީ އަޅުގަނޑުމެންގެ ޒިންމާއަކީ." ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވިއެވެ.

މިމަޖިލީހުގައި ސަރުކާރު ތަމްސީލްކުރާ ޕާޓީ، ޕީއެންސީއަށް ބޮޑު އަގުލަބިއްޔަތެއް އޮތްނަމަވެސް ރައްޔިތުންނާ ގުޅުންހުރި މައްސަލައެއްނަމަ، އެ މައްސަލައެއް މަޖިލީހުން ބަލައިގަނެ، ބަހުސް ކުރިއަށްގެންދާނެ ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ. 20 ވަނަ މަޖިލިސް ނިމިގެންދާއިރު މަސައްކަތްތައް ނުނިމި، ފުނިޖެހިފައި ނުހުންނާނެ ކަމަށާއި މި މަޖިލީހަކީ އުފެއްދުންތެރި މަޖިލީހަކަށްވާނެ ކަމަށްވެސް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލްކުރާ 75 މެންބަރުން ތިއްބަވައެވެ. ރައްޔިތުންގެ މަޖިލީސް އިންތިޚާބު ނިމުމުން، އަމިއްލަ ގޮތުން އިންތިޚާބު ވެވަޑައިގެންނެވި 9 މެމްބަރުން ވަނީ ޕީއެންސީ އާއި ގުޅިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން