ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރު ނުކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް ސަރުކާރު ހިންގާ މައިޕާޓީ، ޕީއެންސީން ބުނުމަކީ ރައްޔިތުންގެ މޫނުމަތީގައި ޖެހި ތަފާލެއް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރު ނުކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް ސަރުކާރު ހިންގާ މައިޕާޓީ، ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިމްރާން ލަތީފް (އިންމު) ވިދާޅުވުމާއި ގުޅިގެންނެެވެ.

އިންމުގެ ވާހަކަތަކަށް ރައްދު ދެއްވަމުން، އަހުމަދު ދީދީ ވިދާޅުވީ، ސަރުކާރު ޖަވާބުދާރީކުރުވަން ޕީއެންސީ ބިޔަބޮޑު މެޖޯރިޓީއިން އެއްވެސް ދައުރެއް އަދާނުކުރާނެ ކަމަށް އެޕާޓީން އެއްބަސްވެފައިވާ ކަމަށެެވެ. އަދި ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީ އަށް މަޖިލިސް ދީފިނަމަ ސަރުކާރަށް ފާރަވެރިވާނެ ބަޔަކު ނުތިބޭނެ ކަމަށާއި މަޖިލިސް ކެމްޕެއިން ތެރޭގައި އެވާހަކަ އެމްޑީޕީ ދައްކަމުން ގެންދިޔަ ކަމަށް ދީދީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހުގައި ތިއްބެވި ސަރުކާރު ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނަށް ސަރުކާރު ޒިންމާދާރު ކުރަން މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އަދި އެބޭފުޅުންނަށް ރައީސުލްޖުމުހޫރިއްޔާ ރުހިވަޑައިނުގަންނަވާ ގޮތަށް އަނގަވެސް ހުޅުވާނުލެވޭނެ ކަމަށް ދީދީ ވިދާޅުވިއެވެ.



"ރައީސުލްޖުމުހުރިއްޔާ އެންޑޯޒް ކޮށްގެން ގޮނޑިކޮޅަކަށް ވަޑުވާފައި އިންނަވާ ރައީސަކާއި ރައީސް އެންޑޯޒްކުރައްވައިގެން ތިއްބަވާ ސީދާ ރައީސުލްޖުމުހޫރިއްޔާ ގެ މަޖިލިސް މެމްބަރުން ތަކަކަށް ސަރުކާރު ޒިއްމާދާރު ކީއްކުރަން ރައީސުލްޖުމުހުރިއްޔާ ރުހިވަޑައިނުގަންނަވާ ގޮތަށް އަނގަވެސް ހުޅުވައިނުލެވޭނެ. އެވާހަކަނޫންތޯ އިމްރާނު ތިޔަވިދާޅުވީ، އެކަމަކު ތިޔަޖެއްސެވީ ރައްޔިތުންގެ މޫނުމަތީގައި ތަފާލަކުން. ކުރިޔަށް އޮތްތަނުގައި ރައްޔިތުންނަށް މިކަން ފެންނާނެ." ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ދީދީ ވިދާޅުވިއެވެ.

މީގެ އިތުރުން ދީދީ ވިދާޅުވީ މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދު މަދު ނަމަވެސް ސަރުކާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމުގެ މަސައްކަތުގައި އެޕާޓީން ފަހަތަށް ނުޖެހޭނެ ކަމަށެވެެ. އަދި އެކަން މީގެ ކުރިން ވެސް އެމްޑީޕީގެ މެމްބަރުން ދައްކާފައިވާނެ ކަމަށް ދީދީ ވިދާޅުވިއެވެ.

"އެމްޑީފީ އިންވާނީ ކުރިންވެސް އެސާބިތުކަން ދައްކަދީފައި. އެމްޑީޕީ އަކީ އަބަދުވެސް ރައްޔިތުންގެ ވިންދާ ގުޅޭ ރައްޔިތުންގެ އިހުސާސްތައް ދަނެގެން ރައްޔިތުން ގެ އަޑުއުފުލާ ރައްޔިތުންގެ ހައްގަށް ވަކާލާތުކުރާ ޕާޓީއެއް." ދީދީ ވިދާޅުވިއެވެ.

ދީދީ މިހެން ވިދާޅުވި ނަމަވެސް ސަންގުޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ސަރުކާރު ހިންގާ މައިޕާޓީ، ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިމްރާން ލަތީފް (އިންމު) ވިދާޅުވެފައިވަނީ ސަރުކާރަށް ސުޕަމެޖޯރިޓީ އޮތް ނަމަވެސް ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އޮތް ބިރަކީ މަޖިލީހުގެ މައިނޯރިޓީ ޕާޓީ އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން އެ ޒިންމާ އަދާނުކޮށްފާނެ ކަމުގެ ބިރު ކަމަށް އިމްރާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ބިރެއް އެބައޮތް، ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންތައްތައް އެމްޑީޕީން މަޖިލީހަށް ހުށަނާޅާފާނެ ކަމުގެ ބިރު އެބައޮތް. އެވިސްނުމަކީ ވެސް ނުގެންގުޅެވޭނެ ވިސްނުމެއް ނޫން. އެއީ އެފަދަ މައްސަލައެއް އައިސްފިނަމަ އެމައްސަލަ ރަނގަޅަށް ބަލައި ސްޑަޓީ ކޮށްލާއިރު ވޭތުވެ ދިޔަ ސަރުކާރުގައި އިހުމާލު ފެންނާނީ، އެވެސް އޮތް ބިރެއް." އިންމު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން