މަސްވެރިން ބާނާފަ ކިރާ މަހަށް ފައިސާ ނުލިބޭތާ 47 ދުވަސް ވެފައިވާކަމަށް ބުނެ މަސްވެރިން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި އިހުސާސްތައް ބަންޑުން ކޮއްލަމުން ޒުވާން މަސްވެރިޔެއް ކަމަށްވާ އަލީ ސާޖިދް ބުނީ މަސްވެރިން ތިބީ ކުރަންޖެހޭ އެތައް ކަމެއް ނުކޮށް ކަމަށެވެ. އޭގެ ތެރޭގައި ކަރަންޓު ބިލް، ފެން ބިލް، ދަރިންގެ ޓިއުޝަން ފީ އަދި ކަންމަތީ ފިހާރައިގެ ބިލްތައް ނުދެއްކޭ ކަމަށް އޭނާ ބުނެފައިވެއެވެ. މީގެ އިތުރުން ލާރި ނުލިބޭތީ މަސްވެރިން ތިބީ ގޭގެއަށް ކާބޯތަކެތި ނުގަނެވިފައި ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

ސާޖިދް ވަނީ މަސްވެރިންނަށް ދޫކުރަންހުރި ފައިސާ ދޫކޮއްދިނުމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމުގެ އަރިހުން އެދިފައެވެ. އަދި ބެކްލޮގް އެއްކޮށް ކްލިއަރ ކޮށްދިނުމަށްވެސް އެދިފައި ވެއެވެ.

ސާޖިދް ހިއްސާ ކޮއްފައިވާ ގޮތުން މަސްވެރިންނަށް އެންމެ ފަހުން ފައިސާ ދޫކޮށްފައިވަނީ އޭޕްރީލް 22 ގައެވެ.

ސާޖިދް ބުނީ ރިޔާސީ އިންތިޚާބް ތެރޭގައި މިހާރުގެ ރައީސް ޑރ. މުޢިއްޒު މަސްވެރިންނާއި ބައްދަލުކުރައްވާ މަސްކިލޯއެއް 25 ރުފިޔާ އިން 20 ރުފިޔާ އަށް ކުޑަ ވާނޭ ކަމަށް ވިދާޅުވި ކަމަށެވެ. އަދި އެގޮތަށް އެކަން ވިޔަސް ހަފުތާއިން ހަފުތާއަށް ބަރާބަރަށް ފައިސާ ދޭވެނޭތޯ ސާޖިދު ސުވާލު ކޮށްފައި ވެއެވެ، މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރާނޭ ކަމަށް ރައީސް ވިދާޅުވެގައިވާ ކަމަށް ވެސް ސާޖިދް ހިއްސާ ކޮއްފައިވާ ޕޯސްޓުގައި ވެއެވެ.



ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރު ނިމެން ގާތްވެފައިވަނިކޮށް، 2023ގެ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި މަސް ކިލޯއެއް 17 ރުފިޔާއިން 25 ރުފިޔާ އަށް ވަނީ ބޮޑުކޮށްފައެވެ. ނަމަވެސް މި ސަރުކާރުން މިދިޔަ ފެބްރުއަރީ 11 ވަނަ ދުވަހު އެއަގު ވަނީ 20 ރުފިޔާއަށް ދަށްކޮއްފައެވެ.

މަސްވެރިކަމުގެ ކޭޝްފްލޯ ހަމައަކަށް އެޅުމުން މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރާނޭ ކަމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމްް ވަނީ ވިދާޅުވެފައެވެ.

މިފްކޯއިން މެއި މަހު ބުނެފައި ވަނީ މަސްވެރިންނަށް ގާތްގަނޑަކަށް 63 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން