ލޯކަލް ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިގެ މައްސަލައާއި އެނޫންވެސް ގޮތްގޮތުން އެ މުވައްޒަފުންނަށް ހުރި ބައެއް ދަތިތަކުގެ މައްސަލަތަކާއި ގުޅިގެން ސިވިލްސަރވިސް ކޮމިޝަނާއެކު މަޝްވަރާ ކުރައްވާނެކަމަށް ލޯކަލް ގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ

ބ. އަތޮޅުގެ 10 ރަށަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ، ބ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސިވިލްސަރވިސް މަގާމުތަކަށް މީހުން ލިބުމުގައި ހުރި ދަތިތަކާއި ރަށްރަށުގެ އެހެން ވަޒީފާތަކުން ލިބޭ މުސާރައިގެ ފަރަގު ބޮޑުވުމާއި މުނިސިޕަލް މަސައްކަތްތައް ކުރާ ސިވިލްސަރވިސް މުވައްޒަފުންނަށް ރިސްކް ބޮޑުވުމުގެ މައްސަލަކަމަށެވެ.

އެހެންކަމުން އެ މައްސަލަތަކާއި ގުޅޭގޮތުން ސިވިލްސަރވިސް ކޮމިޝަނާއެކު މަޝްވަރާ ކުރައްވާނެކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަވުމުގެ މައްސަލައަކީ ގިނަ ދުވަސްވީ މައްސަލައެކެވެ. ޕޭ ކޮމިޝަނުން ރޭންކް ކޮށްފައިވާގޮތުން ކައުންސިލްތައް ހިމެނެނީ އެންމެ ދަށްފަންތީގެ ރޭންކްގައިކަމުން ސިވިލްސަރވިސް ކޮމިޝަނުންވެސް ބުނަމުން ދަނީ މުސާރަ ބޮޑުކުރުމަށް އެ ކޮމިޝަނަށް ވެސް ކުރެވޭނެ ކަމެއް ނެތްކަމަށެވެ.

ކައުންސިލްތަކުގައި މަސައްކަތް ކުރާ އާންމު މުވައްޒަފުންނަށް މަހަކު ލިބެނީ އެވަރެޖުކޮށް 7 ނުވަތަ 9 ހާސް ރުފިޔާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން