ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދު. (ފޮޓޯ: އެމްޑަބްލިއުއެސްސީ)
ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދު. (ފޮޓޯ: އެމްޑަބްލިއުއެސްސީ)
ފަންނުވެރިންގެ ކަންކަން ބަލަހައްޓައި، އެފަރާތްތަކުގެ މަސައްކަތް ކުރިއެރުވުމަށް ދައުލަތުން މަސައްކަތް ކުރަންޖެހޭ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި، ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން "ފެނުން ދިރުން"ގެ ނަމުގައި ކުރެހުމުގެ މުބާރާތެއް އިފްތިތާހް ކުރުމަށް ރޭ ސަލްޓަން ޕާކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި އެތައް ހުނަރުވެރި ކުރެހުންތެރިން އެބަތިބި ކަމަށާއި ދިވެހި ފަންނުވެރިންނާއި، އާޓިސްޓުން ކުރިއަރުވައި ފުރުސަތުތައް ހޯދައިދިނުމަކީ ދައުލަތުން ކޮންމެހެން ވެސް ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ. އަދި އެ މަސައްކަތުގައި ކުންފުނިތަކާއި، މުއައްސަސާތަކުގެ އެއްބާރުލުން ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ފަންނު ކުރިއެރުވުމަކީ މުޅި ދައުލަތުގެ މައްޗަށް އޮތް ވާޖިބެއް. އަޅުގަނޑުމެނާއެކީ އެމް.ޑަބްލިއު.އެސް.ސީ އިން ފެށި މަސައްކަތް އަޅުގަނޑުމެން ގަބޫލުކުރަނީ އެހެން މިނިވަން މުއައްސަސާތަކުން ވެސް މިކަމުގައި އެހީތެރިކަން ފޯރުކޮށްދީ، މިކަމުގައި އާޓިސްޓުންނާއެކު ވާނެ ކަމަށް." މިނިސްޓަރ ވިދާޅުވިއެވެ.

ރޭ އިފްތިތާހް ކުރި "ފެނުން ދިރުން" ކުރެހުމުގެ މުބާރާތަކީ އެމްޑަބްލިއުއެސްސީ އިން ނެޝަނަލް ސެންޓަރ ފޯ ދި އާޓްސް އާއި ގުޅިގެން ދުނިޔޭގެ ތިމާވެށީގެ ދުވަހާއި، ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި އުމުރުން 18 އަހަރުން މަތީ އުމުރުފުރާގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ.

މި މުބާރާތާއި ބެހޭ އިތުރު މައުލޫމާތު އެކަަމަށް ހާއްސަ ވެބްސައިޓުން ލިބޭނެ ކަމަށް އެމް ޑަބްލިއު އެސް ސީ އިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން