އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން، "ފެނުން ދިރުން" ކުރެހުމުގެ މުބާރާތް އިފްތިތާހް ކޮށްދެއްވަނީ.
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން، "ފެނުން ދިރުން" ކުރެހުމުގެ މުބާރާތް އިފްތިތާހް ކޮށްދެއްވަނީ.
"ފެނުން ދިރުން" ގެ ނަމުގައި އެމް ޑަބްލިއު އެސް ސީ އިން ކުރިއަށް ގެންދާ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތް ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި އިފްތިތާހް ކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހީމް ވަހީދު އަދި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން އެވެ.

"ފެނުން ދިރުން" ކުރެހުމުގެ މުބާރާތަކީ އެމް ޑަބްލިއު އެސް ސީ އިން އިސްނަގައިގެން ނެޝަނަލް ސެންޓަރ ފޯ ދި އާޓްސް އާއި ގުޅިގެން ދުނިޔޭގެ ތިމާވެށީގެ ދުވަހާއި، ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި އުމުރުން 18 އަހަރުން މަތީ އުމުރުފުރާގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި މުބާރާތުގައި ބައިވެރިވާން ބޭނުން ހުރިހާ ފަރާތްތަކުން 10 ޖުލައި ވާ ބުދަ ދުވަހުގެ މެންދުރުފަހު 3 ގެ ކުރިން "ފެނުން ދިރުން" ވެބްސައިޓުން އޮންލައިންކޮށް ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ.



މިމުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ކުރެހުންތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޖުލައި 18، 2024 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4 ގެ ކުރިންނެވެ.

މި މުބާރާތުގެ އެއްވަނައަށް ދާ ފަރާތަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، ދެވަނައަށް ދާ ފަރާތަށް 35،000 ރުފިޔާގެ ފައިސާ އިނާމެއް އަދި ތިން ވަނައަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަށް އިންސާފުކޮށްދިނުމަށް ހަމަޖެހިފައި ވަނީ ނެޝަނަލް ސެންޓަރ ފޯ ދި އާޓްސްއާއި، ޔޫތު މިނިސްޓްރީއިން ކަނޑައަޅާފައިވާ ހާއްސަ ޕެނަލަކުންނެވެ.

މީގެ އިތުރުން ހުށައަޅާ ކުރެހުންތަކުގެ ތެރެއިން އެންމެ ގިނަބަޔަކަށް ކަމުދިޔަ ކުރެހުން ފާހަގަކޮށް "ޕީޕަލްސް ޗޮއިސް"ގެ ނަމުގައި އެވާޑެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. މިއީ މައުރަޒަށް ޒިޔާރަތްކޮށް ކުރެހުންތައް ބަލަންދާ ފަރާތްތަކުގެ މެދުގައި ވޯޓެއް ނެގުމަށްފަހު، އެންމެ ގިނަ މީހުން އިހްތިޔާރު ކުރާ ފަސް އާޓީސްޓުންނަށް ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ.

މި މުބާރާތުގައި ރަޖިސްޓްރީ ވުމަށާއި މި މުބާރާތާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް "ފެނުން ދިރުން" ވެބްސައިޓް އަށް ޒިޔާރަތް ކުރުމުން އިތުރު މައުލޫމާތު ލިބޭނެއެވެ.

މީގެ އިތުރުން މިމުބާރާތުގައި ބައިވެރިކުރާ ކުރެހުންތަައް އާންމުންނަށް ދައްކާލުމަށްޓަކައި ނެޝަނަލް އާރޓްސް ގެލަރީގައި ޚާއްސަ މައުރަޒެއް ޖުލައި މަހުގެ 27 އިން 30 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގަައި ބައިވެރި ކުރެވޭ ކުރެހުންތައް އާންމުންނަށް ގަތުމަށް ހުޅުވާލައި ކުރެހުންތައް ވިއްކުމުގެ ފުރުސަތުވެސް އެގްޒިބިޝަންގައި ހުޅެވިގެން ދާނެކަމަށް އެމްޑަބްލިއުއެސްސީ އިން ހާމަކޮށްފައިވެއެވެ.

މިގޮތުން، ވިކޭ ކުރެހުންތަކުގެ ތެރެއިން ކޮންމެ އާޓިސްޓަކަށް ވެސް ކުރެހުމުގެ އަގުގެ 15 އިންސައްތަ ލިބޭނެއެވެ. އަދި ބާކީ 85 އިންސައްތަ ބޭނުން ކުރެވޭނީ ކުރެހުންތެރިންގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން