ހައްޖު ކޯޕަރޭޝަންގެ ހަރަދުގައި ތަކުރާރުކޮށް ހައްޖަށް ދާ ކަމަށް ބުނާ ވާހަކަތަކަށް ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބް ރައީސް އިޔާޒް އަބްދުއް ލަތީފް ދޮގު ކުރައްވައިފި އެވެ.

ނިކަމެތިން ހައްޖަށް ފޮނުވުމަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ނުވާނެ ކަމަށް އިޔާޒް ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން ސަރުކާރުންވެސް އިޔާޒަށް ރައްދު ދީފައިވާ އިރު ބައެއް ފަރާތްތަކުން ވަނީ އިޔާޒް ފާއިތުވި ފަސް އަހަރު ހައްޖަށް ދިޔައީހައްޖު ކޯޕަރޭޝަންގެ ހަރަދުގައި ކަމަށް ބުނެފަ އެވެ.

އެ ވާހަކަތައް ދޮގު ކުރައްވައި އިޔާޒް އެކްސްގައި ވަނީ ހަގީގަތާއި އެއްގޮތަށް ވާހަކަ ދައްކަން ދަސްކުރުމަށް ގޮވާލައްވައިފަ އެވެ.

"ޚާއްސަގޮތެއްގައި ސަރުކާރުގެ އަބުރުވެރި މަގާމެއްގައި ހުންނަވައިގެން ދޮގު ޚަބަރު ފެތުރުމަކީ ވަރަށް ދެރަވަރުގެ ކަމެއް. މިހާތަނަށް ހައްޖު ކޯރޕަރޭޝަންގައި އަޅުގަޑު ހައްޖަށް ގޮސްފައިވާނީ އެންމެ ފަހަރަކު. އެއީ 2023 ވަނަ އަހަރު ދީނީ މުރްޝިދެއްގެ ގޮތުން." ސޯޝަލް މީޑިއާގައި ޔޫތުގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު ޝިއުނާއަށް ރައްދު ދެއްވައި އިޔާޒް ވިދާޅުވި އެވެ.

ސަރުކާރުގެ ހަރަދުގައި މިއަހަރު ހިލޭ ހައްޖަށް ފޮނުވާ 50 މީހުންގެ ތެރޭގައި ވަޒީފާ އަދާކުރާ އާމްދަނީ ލިބޭ މީހަކު ހިމެނުނު މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. ނަމަވެސް އެގޮތަށް އެކަންވީ ކުރީގެ ސަރުކާރުގެ ލިސްޓަކަށް މީހުން ހައްޖަށް ފޮނުވުމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން