ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އިމިގްރޭޝަނުން ފަލަސްތީނަށް 100،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

އިމިގްރޭޝަނުން ފަލަސްތީނުގެ ރައްޔިތުންނަށް މި ފައިސާ ހަދިޔާ ކުރީ އިމިގްރޭޝަންގެ ރެކްރިއޭޝަން ކްލަބް ”ކްލަބް އިމިގްރޭޝަން“ ގެ ފަރާތުން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރި ވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ފަންޑް ރެއިޒިން އިނީޝިއޭޓިވްގެ ތެރެއިންނެވެ.

އިމިގްރޭޝަން އޮފީހުގައި ބޭއްވި ހަފްލާއެއްގައި މި ފައިސާ ފަލަސްތީނަށް އެހީވުމަށް ހަރަކާތްތެރިވާ އައިއޭސީއާ ހަވާލުކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދެވެ. މި ހަފްލާގައި ވާހަކަ ދައްކަވަމުން ކޮންޓްރޯލަރ ޝަމްޢާން ވިދާޅުވީ އިމިގްރޭޝަންގެ މުވައްޒަފުން މަސައްކަތް ކުރަނީ އެއް އާއިލާއެއްގެ ގޮތުގައި ކަމަށާއި އެހީތެރިވާންޖެހޭ ކޮންމެ ކަމެއްގައި އިމިގްރޭޝަންގެ އޮފިސަރުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަަމަށެވެ.

ޝަމްޢާން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަކީ އެންމެހާ ދިވެހިންގެ ހިތްތަކާ ގުޅިފައިވާ ބައެއް ކަމަށެވެ. އިމިގްރޭޝަނުން ބުނީ މި ފަންޑް ރައިޒިން އިވެންޓުގައި އެ މުއަސަސާގެ ހުރިހާ މުވައްޒަފުންގެ އެހީތެރިކަންވެސް ލިބިފައިވާ ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައިވެސް ދަނީ އެކިއެކި ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ސަރުކާރުން އިސް ނަގައިގެން މުޅި ރާއްޖޭގައި ޚާއްޞަ ހަރަކާތްތަކެއް ހިންގުމަށް ވެސް މިހާރު ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން