241 ކޮމިޓިގެ ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ: ރައްޔިތުންގެ މަޖިލިސް)
241 ކޮމިޓިގެ ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ: ރައްޔިތުންގެ މަޖިލިސް)
ކުރީ ސަރުކާރުން ގައުމުގެ މިނިވަންކަމަށް އުނިކަން އަންނަ ކަމެއް ކޮށްފައިވޭތޯ ބަލަން މަޖިލީހުން ތަހުގީގުކުރުމަށް ގައުމީ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީން ނިންމައިފިއެވެ.

މި މައްސަލަ ހުށައެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރްޒޫޤް އެވެ. އެގޮތުން އަޒާން ހުށައެޅުއްވީ 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އުނިކަން އަންނަގޮތަށް އޭރުގެ ސަރުކާރާއި އެކި އިދާރާތަކުގެ އިސްވެރިން އަމަލުކޮށްފައިވާތީ އެކަންކަން ހިނގާދިޔަ ގޮތް ބެލުމަށެވެ. އަޒާން އެމައްސަލަ ހުށައަޅުއްވާފައިވަނީ ގާނޫނު އަސާސީން މަޖިލީހަށާއި 241 ކޮމިޓީއަށް ލިބޭ ބާރުގެ ދަށުން ޕާލަމަންޓްރީ އިންކުއަރީއެއް ހިންގުމަށެވެ.

އަޒާން ވަނީ ތިން ކަމެއް ބެލުމަށް ހުށަހަޅުއްވާފައެވެ. އެއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކުރެވުނު ހައިޑްރޯގްރަފީ އެއްބަސްވުމާއި އުތުރު ތިލަފަޅުގައި ތަރައްގީކުރަމުން އަންނަ ބަނދަރު އަދި ޑޯނިއާ މަތިންދާ ބޯޓުގެ އެއްބަސްވުމާ ގުޅުންހުރި ކަންކަން ބެލުމަށެވެ.

މީގެ އިތުރުން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވަނީ ކުރީ ސަރުކާރުން ރާއްޖެއާއި މޮރިޝަސްއާ ދެމެދު އިން ކަނޑައެޅުމުގައި އަމަލުކުރި ގޮތް ބެލުމަށް ހުށައަޅުއްވާފައެވެ.

މި ތަހުގީގު ކުރިޔަށް ގެންދިޔުމަށް ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީން ވަނީ 4 މެމްބަރުންގެ ސަބް ކޮމިޓީއެއް އެކުލަވާލާފައެވެ. އެ ކޮމިޓީގައި ހިމެނެނީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫޤް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އަދި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން