ރައީސް ޑރ. މުހައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައި މަޝްވަރާތަކެއް ކުރެއްވުމަކީ އެ މަނިކުފާނުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ހަރުދަނާކަން ސާބިތުކޮށްދިން ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލުކުރެއްވި ފޮޓޯފުޅަކާއި އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް (އަދުރޭ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެބައްދަލުވުމަކީ ރައީސް މުޢިއްޒުގެ ހާރިޖީ ސިޔާސަތުގެ ހަރުދަނާކަން ސާބިތުކޮށް ދިން ކަމެއް ކަމަށެެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތިޔަ ސާބިތުކޮށްދެއްވީ މަނިކުފާނުގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަން. ޝުކުރިއްޔާ ރައީސް،" މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ވިދާޅުވި އެވެ.



ރައީސް މުޢިއްޒު އިންޑިއާއަށް ވަޑައިގަތީ މޯދީ ބޮޑުވަޒީރުކަމުގެ ތިން ވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރައީސް މުޢިއްޒު އިންޑިޔާއަށް ވަޑައިގެންފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ސަރުކާރުން އަނބުރާ ފޮނުވައިލަން ނިންމުމާއި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް މޯދީ އާއި އިންޑިއާއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރި މައްސަލައިގައި ދެ ގައުމުގެ މެދުގައި ނުތަނަވަސް ކަމެއް އުފެދިފައި ވަނިކޮށެވެ.

ރައީސް މުޢިއްޒު އިންޑިޔާ އަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫ، އާއި ބޮޑުވަޒީރު މޯދީގެ އިތުރުން އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާއި ބައްދަލުކުރައްވައި ވަނީ މަޝްވަރާކުރައްވާފައެވެ.

އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫ، އާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ދެޤައުމުގެ ދެމެދު އޮންނަ ތާރީޚީ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އެގޮތުގައި ދެމެހެއްޓުމާއި، ދެޤައުމުން ގުޅުން ބަދަހިކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މިއީ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސް މުއިއްޒު އިންޑިޔާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން