ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު އެމަނިކުފާނަށް އެރުވި ދައުވަތަކަށް ކުރެއްވި މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެމަނިކުފާނު މާލެ ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ.

އެ ދަތުރުފުޅުގައި، ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިއްޒަތްތެރިންގެ ޝަރަފުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ރައީސް މުއިއްޒު ބައްދަލުކުރައްވައި ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މަޝްވަރާތައް ކުރެއްވިއެވެ. އޭގެ އިތުރުން އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރުވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ޢިހުތިރާމުގެ ޒިޔާރަތެއް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅަކީ، ރައީސް މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ޙަވާލުވެވަޑައިގެންނެވުމަށްފަހު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުވެސް މެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން