އިސްރާއިލުގެ ޕާސްޕޯޓު މަނާކުރަން އުޅޭއިރު ރާއްޖޭގެ ނާޒުކު އިގުތިސާދާ މެދުވެސް ވިސްނާލަން ޖެހޭ ކަމަށް ރާއްޖޭގެ މަޝްހޫރު ޓްރެވަލް އޭޖެންސީއެއް ކަމަށްވާ އިނަ މޯލްޑިވްސްގެ ފައުންޑާ އަދި ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެ އެވެ.

އިސްރާއިލުގެ ޕާސްޕޯޓް މަނާކުރަން ނިންމިކަން ސަރުކާރުން ހާމަކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. އަދި އޭގެ ފަހުން ހަމަ އެ މައްސަލައާ ގުޅޭ ގޮތުން އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބަހުސްކޮށް އެ އިސްލާހު މަޖިލީހުން ވަނީ ބަލައިގެންފަ އެވެ.

އިސްރާއިލުގެ ޕާސްޕޯޓް މަނާކުރަން ރާއްޖޭގެ ގިނަ ބަޔަކު ގޮވާލަމުންދާއިރު ޓޫރިޒަމް ދާއިރާއާ ގުޅޭ ބައެއް ބޭފުޅުންގެ ހިޔާލު އެކަމުގައި ކޮންމެވެސް ވަރަކަށް ތަފާތެވެ.

ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގަމުންދާ ވިލާ ކުންފުނީގެ ވެރިޔާ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އިއްޔެ މަޖިލީހުގައި ވިދާޅުވީ އިޒްރޭލު މައްސަލައަކީ ވަރަށް ޖަޒްބާތީ މައްސަލައެއް ކަމަށާއި އެކަމުގައި މަޖިލީހުން ގޮތެއް ނިންމަންވާނީ ވަރަށް ފުންކޮށް ވިސްނާފައި ކަމަށެވެ. ނަމަވެސް އެއީ އެކަމުގައި އެމަނިކުފާނު އެއްވެސް ވަރަށް ދެކޮޅު ހެދުމުގެ ގޮތުން ދައްކަވާ ވާހަކަފުޅެއް ނޫންކަމުގައި ވެސް ގާސިމް ވިދާޅުވިއެވެ.

އިސްރާއިލުގެ ޕާސްޕޯޓް މަނާކުރުމާ ގުޅޭ ގޮތުން އިނަ މޯލްޑިވްސްގެ ފައުންޑާ ފިރާގު ވެސް ވަނީ އެކަމުގައި ދެވަނަ ވިސްނުމަށް ދާން ޖެހޭ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވައިފަ އެވެ.

ފިރާގު އެކްސްގައި ވިދާޅުވީ ރާއްޖެއަކީ ވަރަށް ކުޑަ ގައުމެއް ކަމަށާއި އެހެންވެ އަޅުގަނޑުމެންގެ އިހުތިޔާރުތައް ވަރަށް މަދު ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރުވެސް ބައިނަލްއަގުވާމީ ފޯރަމްތަކާއި، ރާއްޖެއިން ބައިވެރިވާ ތަފާތު ފޯރަމް ތަކުގައާއި ކޮންމެ އިވެންޓެއްގައިވެސް އަޅުގަނޑުމެން އިސްރާއީލާ ދެކޮޅަށް އަޑު އުފުލާ އިހުތިޖާޖުކޮށް މުޒާހަރާ ކުރަމުންދާ ކަމަށެވެ.

"އަދި އަޅުގަނޑުމެންގެ ޤައުމުގެ ނާޒުކު އިގުތިސާދަށްވެސް އަޅުގަނޑުމެން އިސްކަންދޭންޖެހޭ. ބައިނަލްއަގުވާމީ މައްސަލަތަކުގައި އަޅުގަނޑުމެންގެ ސްޓޭންޑް ބެލެންސް ކުރުމާއި، އިގުތިސާދީ ގޮތުން ކުރިއަށް ދިއުމުގެ ބޭނުން ވިސްނުންތެރިކަމާއިއެކު ބެލެންސް ކުރުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑާއި ދިމާލަށް ބޭނުންހާ ގޮތަކަށް ފާޑުކިޔާލެވި ދާނެ." ފިރާގު ވިދާޅުވި އެވެ.

ފިރާގު ވިދާޅުވީ އޭނާ ހާމަކުރަމުން ގެންދަވަނީ ހަގީގަތް ކަމަށާއި ނަމަވެސް ބައެއް ބޭފުޅުން ދީނުގެ ބޭނުން ހިއްޕަވައިގެން އަމިއްލަ އެޖެންޑާތައް ކުރިއަރުވައި މުޅި ރާއްޖެ އިނދަޖައްސާލުމުގެ ނުރައްކާތެރި މަސައްކަތް ކުރިއަށް ގެންދަމުންދާކަމަށެވެ.

އެކަމަކު ހަމައެކަނި މި މުޒާހަރާތަކަށް ފޯކަސްކޮށް ސޯޝަލް މީޑިޔާގައި ޖަދަލު ކުރުމުގެ ބަދަލުގައި، އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ އިގުތިސާދީ ގޮންޖެހުންތަކާ ކުރިމަތިލައި، އަޅުގަނޑުމެންގެ ގައުމުގެ މުސްތަގުބަލަށް، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތް ކުރުން މާ ރަނގަޅު ކަމަށް ވެސް ފިރާގު ވިދާޅުވި އެވެ.

"އާސަންދަވެސް އިންތިހާއަށް ބޭނުމެވެ. ކަރަންޓާއި ފެނުގެ އަގުވެސް އަދި އެތެރޭގެ ދަތުރުގެ އަގު ކުޑަވާން ބޭނުމެވެ. އަދި މަތީތައުލީމު ވެސް އެންމެ ކުޑައަގުގައި އެންމެ މޮޅަށް އަޅުގަނޑު ބޭނުން ވެއެވެ." ފިރާގު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ޙުސަިއިން

22-Jun-2024

ދައްޖާލު އެރީމަވެސް އެއިރުގެ ހާލަތައް ބަލާފަ އެންމެ ރަނގަޅުވާނީ އޭނަަބުނާ ގޮއިހެދުން . ބައެއް ލާދީނީ މީހުންނަށް ހީވާކަހަލަ ރިޒުގު ލިބެނީ އެމެރިކާ އިންނޭ


-1

އަލީބާ

22-Jun-2024

ބަލަގަ މިހާރުވެސް ކަރަންޓް އާއި ފެން އެތެރޭގެ އުދުހުންތައް ބަލާލި ކޮންމެދިމާލަކުންވެސް ރަޔިތުން ފެލަނީ.. ހުރިހާ މޮޅެއް އޮތީ ސަރުކާރުގެ މަތީ ފަޑީމީހުންނަށާއި މަހުޖަނުންނަށް.. ތިޕާސްޕޯޓް މަނާކުރީމައި ބޮޑަށް ގެއްލުން ވާނީ ހަމަ ތިޔަ ބޭކަލުން ނަށް.. އޫރު މަހާއި ރާފޮދު ނުވިއްކޭނެތާދޯ..



ޓްރެންޑިން