ރާއްޖޭގައި އެކަށީގެންވާ އަދަދަށް ޕައިލެޓުންގެ ވަޒީފާ ނެތް ކަމަށް ބުނެ ޕައިލެޓްކަން ކިޔަވަން މި ފަހަރު އެންމެ 10 ދަރިވަރުންނަށް ލޯނު ދޭން ނިންމައިފި އެވެ.

ނިމިގެން ދިޔަ ވެރިކަމުގައި މިދިޔަ އަހަރު ޕައިލެޓްކަން ކިޔަވަން ބޭނުންވާ 500 އަށް ވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުގައި ޕައިލެޓް ކޯސް ހަދަން ލޯނު ދޫކުރި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެހާ ގިނަ ފުރުސަތު، އެއް ދާއިރާއަކުން ކިޔެވުމަށް ދީފައިވުމުގެ ސަބަބުން ދަރިވަރުންނާއި، ބެލެނިވެރިންނާއި، ކަމާ ބެހޭ އެކިއެކި އިދާރާތަކުން ގިނަގުނަ ޝަކުވާތަކާއި ކަންބޮޑުވުންތައް އެ މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށެވެ.

އެގޮތުން އެހާ ގިނަ ދަރިވަރުނަތަކެއް އެއްފަހަރާ އެއް ދާއިރާއަކުން ކިޔަވައި ނިމިގެން އައުމުން ވަޒީފާ ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީންނާއި ކަމާ ގުޅޭ އެހެނިހެން އިދާރާތަކުން ލަފާކޮށް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، މި އަހަރު ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ލޯނުދޭން ނިންމީ 10 ދަރިވަރުންނަށް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. އަދި އެއީ ރާއްޖޭގެ ފްލައިންގ ސްކޫލްގައި ކިޔެވުމަށް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ޕައިލެޓްކަން ކިޔަވަން ލޯނަށް އެދި މި ފަަހަރު ކުރިމަތިލި ފަރާތްތަކުގެ ތެރެއިން 148 ދަރިވަރެއްގެ ޝަރުތު ހަމަވެ އެވެ. އަދި އޭގެ ތެރެއިން 10 ދަރިވަރަކަށް އެ ފުރުސަތު ދެނީ އެންމެ މަތިން މާކްސް ލިބޭ ދަރިވަރުންނަށް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ޝަރުތު ހަމަވާ އެހެން ހުރިހާ ދަރިވަރުން، މިއަހަރު އިޢުލާންކޮށްފައިވާ ދާއިރާތަކާއި ސްލޮޓްތަކުގެ ތެރެއިން އެދަރިވަރަކު ޝަރުތުހަމަވާ ސްލޮޓަކަށް ބަދަލުވުމުގެ އިޚްތިޔާރު ދިނުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން