ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު
ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ކުރިއަށް ގެންދާ ޓެލެތޯން މާދަމާ ފަށާނެއެވެ.

ޓެލެތޯން ކުރިއަށް ގެންދާނީ ބުދަ ދުވަހުގެ ހެނދުނު 8:00އިން ރޭގަނޑު 12:00އަށެވެ. ޓެލެތޯން ފައްޓަވައިދެއްވާނީ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ޓެލެތޯންގެ އެންމެފަހުގެ ތައްޔާރީތައް ޓީވީއެމްގެ ހެނދުނު ހެނދުނާ ޕްރޮގްރާމުގައި ހިއްސާކުރައްވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވީ ފަންޑު ފޮށިތައް ބަހައްޓާނީ އާންމުކޮށް މީހުން އެއްވާ ސަރަހައްދުގައި ކަމަށެވެ. އެގޮތުން ހުޅުމާލެ ފޭސް 2 ހިޔާ ޓަވަރު ސަރަހައްދު، ހުޅުމާލެ ހޮސްޕިޓަލް، ވެލާނާ ބިލްޑިންގ ސަރަހައްދު، އެސްޓީއޯ ބިލްޑިންގ ސަރަހައްދު، އެމްޕީއެލް، ސްޓެލްކޯ، ފެރީ ޓަރމިނަލްތައް، އަދި އެސްޓީއޯ ސުޕަރމާކެޓު ކައިރީ ބަހައްޓާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ފަންޑު ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖައްސަވާފައިވާ ކަމަށް ވެސް ޒީނާ ވިދާޅުވިއެވެ.

"ޓެލެތޯންތަކުގައި އިންތިޒާމްކުރާ ފަރާތުން އެކަމަށް ޚަރަދެއް ނެގިނަމަވެސް މިޓެލެތޯންގައި ޕީއެސްއެމުން މިކަމަށް އެއްވެސް ފައިސާއެއް ނުނަގާނެ. މި މަސައްކަތް ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް އިންޑިޕެންޑެންޓް އޮޑިޓަރެއް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް. އަދި މިއީ ހިލޭ ސާބަހަށް ކުރާ މަސައްކަތަކަށްވާތީ އޮޑިޓަރ ހޯދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނީ ސީއެސްއާރްގެ ދަށުން." ޒީނާ ވިދާޅުވިއެވެ.

ޓެލެތޯނުން އެއްކުރެވޭ ފައިސާ ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްކުރާނީ ރާއްޖޭގެ ޚާރިޖީ ވުޒާރާ މެދުވެރިކޮށް ކަމަށް ވެސް ޒީނާ ވިދާޅުވިއެވެ.

ރާއްޖޭގައި މީގެ ކުރިން ވެސް ފަލަސްތީނަށް އެހީވުމަށް ޓެލެތޯންތައް ބާއްވައިފައިވާ އިރު އެ ޓެލެތޯންތަކަށް ހޫނު ތަރުހީބެއް ލިބިފައި ވެއެވެ. އެހެންކަމުން މި ފަހަރުވެސް ޣައްޒާއަށް އެހީވުމަށް ހިންގާ ޓެލެތޯނަށް ހޫނު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވެ އެވެ.

ޣައްޒާގައި އިސްރާއިލުން ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް އިސްރާއިލުން ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 36،000އިން މައްޗަށް އަރާފައެވެ.

އިސްރާއިލުގެ ގަތުލު އާންމާ ގުޅިގެން ރާއްޖެއިން ވަނީ އިސްރާއިލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން