އެސްޓީއޯގެ އަހަރީ އާންމު ޖަލްސާއާއި މިދިޔަ އަހަރުގެ ޑިވިޑެންޑް ބެހުމަށް ރެކޯޑް ނެގުން މި މަހުގެ ފަހުކޮޅު ބާއްވަން ނިންމައިފި އެވެ.

އެސްޓީއޯއިން ބުނީ އަހަރީ އާންމު ޖަލްސާއާއި ޑިވިޑެންޑް ބެހުމަށް ރެކޯޑް ނެގުން އޮންނާނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށެވެ.

އެސްޓީއޯއަށް 2023 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ، 2022 ވަނަ އަހަރާއި އަޅާބަލައި 10 އިންސައްތައިގެ ދަށްވުމެއްކަމަށްވެސް އެކުންފުނިން ފާހަގަކޮށްފައިވެއެވެ.

އެސްޓީއޯއިން ބުނީ އެކުންފުނީގެ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިބަދަލާއިއެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގު ދަށްކުރުމުން ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވެފައިވުންކަމަށެވެ.

އެހެންނަމަވެސް ކުންފުނިން ވިކުނު ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ ރަގަޅުވުމާއިއެކު، ޖުމްލަ ފައިދާގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބަފައިވާކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

އެސްޓީއޯގެ އިމްޕެއާރމަންޓް ކޮސްޓާއި، ޕްރޮވިޝަންސް އަދި ހިންގުމުގެ ހަރަދު ނިސްބަތުން އިތުރުވީ ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއިއެކު 2023ވަނަ އަހަރުގެ ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 1.3 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލައި 23 އިންސައްތައިގެ ކުރިއެރުމެކެވެ.

މީގެއިތުރުން ޓެކްސްއަށް ކެނޑުމުގެ ކުރިން މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 995 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ އޭގެ ކުރީ އަހަރާއި އަޅާބަލައި 15 އިންސައްތައިގެ ކުރިއެރުމެއްކަމަށްވެސް އެސްޓީއޯއިން ފާހަގަކުރެއެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު، މިދިޔަ އަހަރުގެ ސާފުފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން