ނިމިގެން ދިޔަ ރިޔާސީ އިންތިހާބާއި އަދި މަޖިލިސް އިންތިހާބުން ބަލިވެ ވަޅު ޖެހިފައި އޮތް އެމްޑީޕީ އަލުން ރަނގަޅު މިސްރާބަށް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މީޑީއާއަކަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ޝާހިދު ވިދާޅުވީ އިންތިހާބުގައި އެ ޕާޓީއަށް ނާކާމިޔާބުވި ސަބަބުތައް ހޯދައި ރިޕޯޓެއް އެކުލަވާލަން މަސައްކަތް ފަށާފައިވާ ކަމަށާއި ނަމަވެސް މިއީ އެމްޑީޕީން އަލަށް ކުރާ ކަމެއް ނޫން ކަމަށެވެ.

އެގޮތުން 2013ގެ އިންތިހާބުން ބަލިވުމުން ދިރާސާކޮށް 2018އަށް ތައްޔާރުވެ އެއިންތިހާބު ކާމިޔާބު ކޮށްފައި ވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި 2018 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރެވުނީ އެ ދިރާސާގެ އަލީގައި ޕާޓީގެ ކަންކަން ބަދަލުކޮށްގެން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ނިމިދިޔަ ސަރުކާރުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

"އެެހެންވީމާ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް މިފަހަރުންވެސް މި އަންނަ ރިޕޯޓްގައި ހުރި ކަންކަން ބަލާ ދިރާސާކޮށް މެމްބަރުން އެދޭ އެދުންތަކާ އެއްގޮތަށް ޕާޓީ ކުރިއަށް ގެންދެވިއްޖެނަމަ އަޅުގަނޑުމެންނަށް ދަތިކަމެއް ނޫން މިސްރާބު ރަނގަޅު ކާމިޔާބީއަށް ވާސިލުވުމަކީ." ޝާހިދު ވިދާޅުވި އެވެ.

މުއައްސަސާއެއްގެ ގޮތުގައި އެމްޑީޕީ 'އިންސްޓިޓިއުޝަނަލައިޒް' ކުރުމަށް މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ހާމަކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން