އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ދައުލަތުގެ މީޑިއާއިން މިއަދު ކުރިއަށް ގެންދާ ޓެލެތޯނަށް ސްޓެލްކޯގެ މުވައްޒަފުން ގިނަ އަދަދެއްގެ ފައިސާ ހަދިޔާކޮށްފި އެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ މުވައްޒަފުން އެކަނި ބައި މިލިއަން ރުފިޔާ ޓެލެތޯނަށް ހަދިޔާކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުންވެސް ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ގެންދަނީ ސްޓެލްކޯގެ ހެޑްއޮފީހުގެ ކުރިމަތީގައި ބަހައްޓާފައިވާ ފަންޑުފޮއްޓަށް އެކި ޢަދަދުތަކުން އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ސްޓެލްކޯއިން ބުނެއެވެ.

"އަޅުގަނޑުމެން، ސްޓެލްކޯގެ މުވައްޒަފުން ސާބިތުކަމާއެކު އަބަދުވެސް ދެމިތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާ އެކު." ސްޓެލްކޯއިން ބުނެއެވެ.

ޣައްޒާއަށް އެހީވުމަށް ކުރިއަށް ގެންދާ ޓެލެތޯންގައި އެހީ އެއްކުރުމަށް މާލޭ ސަރަހައްދުގައި 13 ފަންޑު ފޮށި ބަހައްޓައިފައި ވެއެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގައި ކައުންސިލް ފެންވަރުގައި އެ ރަށްރަށުގެ ޖަމިއްޔާތަކާ ގުޅިގެންވެސް ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު އެކި މިނިސްޓްރީތަކާއި ކުންފުނިތަކުން ވެސް ޓެލެތޯންގައި ބައިވެރިވެ އަންނަނީ ފައިސާ ހަދިޔާ ކުރަމުންނެވެ.

ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށް ދިވެހި ފައިސާއިން ނަމަ 7730000655865 ނަންބަރު އެކައުންޓަށް އަދި ޑޮލަރުން ނަމަ 7730000655866 ނަންބަރު އެކައުންޓަށް ޖަމާކުރެވޭނެއެވެ.



މިއަދު ހެނދުނު 8 ޖެހިއިރު ޕީއެސްއެމުން ފަށާފައިވާ މި ޓެލެތޯން މިރޭ ދަންވަރު 12 އާ ހަމައަށް ކުރިއަށްދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން