ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ޓަވަރުތަކުގެ އެކްސެސް ޓެގް ދޫކުރަން ފަށައިފިއެވެ.

އެގޮތުން ޓެގް ދޫކުރާނީ މިއަދާއި މާދަމާގެ ހެނދުނު 10:00 އިން ހަވީރު 6:00 އާ ދެމެދު، ވިނަރެސް 10 ގެ މެނޭޖްމަންޓް އޮފީހުންކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ.

ކީ ޓެގް ދޫކުރާނީ ހަމައެކަނި އެޕާޓްމަންޓްގެ ވެރިފަރާތަށް ނުވަތަ ކޯއެޕްލިކަންޓް އަށެވެ. އެގޮތުން އެޗްޑީސީން ބުނީ ޓެގާއި ހަވާލުވާން ދުރުވާއިރު ވެރިފަރާތުގެ އައިޑީކާޑު ކޮޕީ، އަދި ކޯ އެޕްލިކެންޓް ދުރުވާނަމަ ދެބޭފުޅުންގެ އައިޑީކާޑުގެ ކޮޕީ ބޭނުންވާނެކަމަށެވެ.

ވިނަރެސް ޓަވަރުތަކުގެ އެކްސެސް ކޮންޓްރޯލު ނުކޮށް މިހާރު ހުރުމުން ބޭނުން މީހަކަށް އެތަނަށް ވަދެވެ އެވެ. އަދި ވިނަރެސް ފްލެޓުތަކުގައި ނޫޅޭ ފަރާތްތައް ވެސް އެތަނަށް ވަންނާތީ އެކަމުގެ ޝަކުވާ އެޗްޑީސީއަށް ލިބެމުން ދާކަމަށް އެ ކޯޕަރޭޝަނުން ފާހަގަކޮށްފައިވެއެވެ.

މިއަދު ދޫކުރާ ޓެގްތަކުން އެކްސެސް ކޮންޓްރޯލު ކުރަން ފަށާނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެންނެވެ. އެއާއެކު ވިނަރެސް ޓަވަރުތަކަށް ދެން ވަދެވޭނީ ހަމައެކަނި ކީ ޓެގް އޮންނަ ފަރާތްތަކަށް އެކަންޏެވެ. ވިނަރެސް ފްލެޓު ގަތް އެތައް ބަޔަކު މިހާރު އެތަންތަނުގައި ދިރިއުޅެން ފަށާފައިވާއިރު، މިއަދު ދޫކުރަންފެށި އެކްސެސް ޓެގް ދޫކޮށްފައިވާ ފަރާތްތަކަށް އެކަނި ވަދެވޭ ގޮތަށް ބަދަލުކުރުމުން އެ ފްލެޓުތަކުގެ ސެކިއުރިޓީ ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ.

ވިނަރެސްއަކީ ހުޅުމާލޭގައި އެޗްޑީސީން ހިންގި ހައުސިން މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 10 ޓަވަރު ގާއިމްކޮށްފައިވެއެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނޭ މި ޓަވަރުތަކުން ގިނަ ބަޔަކަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދެވިފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން